ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޢަމަލުތަކަކީ "ނަސްލު ފޮހެލުން" ކަމަށް ބުނެ، އިނގިރޭސިވިލާތާއި އަޔަލޭންޑުގެ 380 އަށްވުރެ ގިނަ ލިޔުންތެރިން ވަނީ ހުޅުވާލެވިފައިވާ ސިޓީއެއްގައި ސޮއިކޮށް، ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ.
ޒާޑީ ސްމިތް، އިއާން މެކްއިވަން އަދި ޖެނެޓް ވިންޓަރސަން ފަދަ މަޝްހޫރު ލިޔުންތެރިން ސޮއިކޮށްފައިވާ މި ސިޓީގައި ވަނީ "ބިރުވެރިކަމުގެ ކުރިމަތީގައި އަޅުގަނޑުމެން އެންމެން އަނގަ ބަންދުކޮށް އިހުމާލުވެ ތިބުން ނިމުމަކަށް ގެނައުމަށް" ދުނިޔެއަށް ގޮވާލާފައެވެ.
މީގެ އިތުރުން، ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސްފަރުވާގެ އެހީ ވަގުތުން ފޯރުކޮށްދިނުމަށާއި އިޒްރޭލުގެ މައްޗަށް ދަތިކުރާ ފިޔަވަޅު އަޅާން ވެސް މި ސިޓީގައި ގޮވާލާފައިވެއެވެ.
"މި ނަސްލު ފޮހެލުމުގެ ކުށުގައި އަޅުގަނޑުމެން އެންމެންވެސް ބައިވެރިވަމެވެ. އަޅުގަނޑުމެން މި ނަސްލު ފޮހެލުމުގެ ކުށްތަކަށް ހެކިވަމެވެ. އަދި އަޅުގަނޑުމެންގެ ހަނުހުރުމުން މިކަމަށް ރުހުން ދިނުމަށް އިންކާރުކުރަމެވެ،" މި ސިޓީގައި ބަޔާންކޮށްފައިވެއެވެ.
މި ސިޓީ އާންމުކޮށްފައިވަނީ، ނޯބަލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ ޖީން-މެރީ ގުސްޓާވް ލޮ ކްލޭޒިއޯ އާއި އެނީ އެރްނޯކްސް ހިމެނޭ ގޮތަށް 300 އަށްވުރެ ގިނަ ފްރެންޗް ބަހުން ލިޔާ ލިޔުންތެރިން އިޒްރޭލުގެ ޢަމަލުތައް ކުށްވެރިކުރާ ސރާ ސިޓީއެއްގައި ސޮއިކުރިތާ އެއް ދުވަސް ފަހުންނެވެ.
މީގެ އިތުރުން، ހޯމަ ދުވަހު، ކުރީގެ އިސް ފަނޑިޔާރުން ހިމެނޭ ގޮތަށް އިނގިރޭސިވިލާތުގެ 800 އަށްވުރެ ގިނަ ޤާނޫނީ މާހިރުން ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރ ސްޓާމަރއަށް ސިޓީއެއް ފޮނުވައި، އިޒްރޭލުގެ މައްޗަށް ދަތިކުރުންތައް އެޅުވުމަށް ގޮވާލައި، "ޣައްޒާގެ ފަލަސްޠީނު ރައްޔިތުން ހަލާކުވިޔަ ނުދިނުމަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ" ކަމަށް އިންޒާރުދީފައެވެ.





