ޕޯޗުގީޒް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ މުސްތަޤުބަލާމެދު ސުވާލު އުފެދިއްޖެއެވެ. މިހާރު ސައުދީ އަރަބިއްޔާގެ ނަސްރު ކުލަބަށް ކުޅެމުންދާ ރޮނާލްޑޯ އޭނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން މި ސުވާލުތައް އުފެދި މީހުންގެ މެދުގައި ބަހުސަކަށްވީއެވެ.
40 އަހަރުގެ ރޮނާލްޑޯ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "މި ބައި ނިމުނީ. ވާހަކަ އަދިވެސް ލިޔެވެމުން އެބަދޭ. އެންމެންނަށް ޝުކުރިއްޔާ" މިހެންނެވެ. މި ޕޯސްޓާ ގުޅިގެން ގިނަ ބަޔަކު މާނަކޮށްފައިވަނީ ރޮނާލްޑޯ ނަސްރު ކުލަބާ ވަކިވަނީ ކަމަށެވެ. އޭނާގެ މިހާރުގެ އެއްބަސްވުން ހަމަވަނީ އަންނަ މަހުގެ ފަހު ދުވަހުއެވެ.
ރޮނާލްޑޯއަށް އޮތް އޮޕްޝަންތަކުގެ ތެރޭގައި ހިމެނެނީ ނަސްރުގައި ދެމިހުރުން، ނޫނީ ސައުދީގެ އެހެން ކުލަބަކަށް ބަދަލުވުން، އެމެރިކާއަށް ދިއުން ނުވަތަ ޕޯޗުގަލަށް އެނބުރި ދިއުމެވެ.
ނަސްރުގައި ދެމިހުރުމަކީ އެންމެ ކުޑަ ފުރުސަތު ކަމަށް ލަފާ ކުރެވެއެވެ. ސަބަބަކީ ނަސްރުގައި ކުޅުނު ދޮޅު އަހަރު ތެރޭގައި އެއްވެސް މުހިންމު ޓްރޮފީއެއް ނުލިބުމެވެ.
ސައުދީގެ އަލްހިލާލް ކުލަބަށް ބަދަލުވުމުގެ ފުރުސަތު ވެސް އޮތް ކަމަށް ބެލެވެއެވެ. އެމެރިކާގެ އިންޓަރ މިއާމީއަށް ބަދަލުވެއްޖެނަމަ އޭނާގެ ވާދަވެރިޔާ ލިއޮނެލް މެސީއާއެކު އެއް ޓީމެއްގައި ކުޅުމުގެ ފުރުސަތު ލިބޭނެއެވެ.
ރޮނާލްޑޯގެ ކެރިއަރ ފެށުނު ސްޕޯޓިންގ ލިސްބަންއަށް އެނބުރި ދިއުމަކީވެސް އޭނާއަށް އޮތް އޮޕްޝަނެކެވެ. މިއީ އޭނާގެ މަންމަގެ އެދުމެއް ކަމަށްވެސް ބުނެވެއެވެ.
ނަމަވެސް ބްރެޒިލްގެ 4 މަޝްހޫރު ކުލަބު ކަމަށްވާ ފްލަމެންގޯ، ޕަލްމެއިރާސް، ބޮޓަފޯގޯ އަދި ފްލޫމިނެންސީ އިން ރޮނާލްޑޯ އާމެދު އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ސްޕެއިންގެ އާސް ނޫހުން ބުނެފައިވެއެވެ. މި ކުލަބުތަކުން ބުނާ ގޮތުގައި ރޮނާލްޑޯގެ މުސާރައަކީ އެ ކުލަބުތަކަށް ދެވޭވަރުގެ އަދަދެއް ނޫން ކަމަށެވެ.






