އދ. ގެ ސަލާމަތީ މަޖިލީހުގެ މަހަކު އެއްފަހަރު ބާއްވާ މެދުއިރުމަތީގެ ހާލަތާ ބެހޭ ބައްދަލުވުމުގައި، ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބާރުއަޅައި، ހަރުކަށި އިބާރާތުން ގޮވާލައިފިއެވެ.
މި ބައްދަލުވުމުގައި، މެދުއިރުމަތީގެ ސުލްހައަށް މަސައްކަތްކުރާ ޚާއްސަ ވަގުތީ ކޯޑިނޭޓަރު ސިގްރިޑް ކާގް ވިދާޅުވީ، "އިންސާނީ އެހީއަކީ ވާދަކުރެވޭނެ އެއްޗެއް ނޫނެވެ. އަދި މީހުން ގަދަކަމުން ވަޒަނުން ބޭރު ކުރުމަކީ ބަހުސްކުރެވޭނެ ކަމަކަށްވެސް ވެގެން ނުވާނެ ކަމަށެވެ." އޭނާ އިތުރަށް ވިދާޅުވީ، "އިންސާނީ އެހީ އަވަހަށް ޣައްޒާގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހެއެވެ. ބައިނަލްއަޤްވާމީ ޤާނޫނާ އެއްގޮތަށް، ރައްޔިތުން ގަދަކަމުން ވަޒަނުން ބޭރުކުން ހުއްޓުވައި، މަނާކުރަން ޖެހެއެވެ. ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުގައި ދިރިއުޅުމަށް އެހީތެރިވާން ޖެހެއެވެ."
ސަލާމަތީ މަޖިލީހުގެ ބުދަ ދުވަހުގެ ބައްދަލުވުމުގައި ބައިވެރިވި ގިނަ ޤައުމުތަކުން ޣައްޒާއަށް އިތުރު އެހީ ފޯރުކޮށްދިނުމަށް ގޮވާލިއެވެ.
ޑެންމާކުގެ ފަރާތުން ވާހަކަދެއްކެވި މަންދޫބު ފާހަގަކުރެއްވީ، ޣައްޒާއަށް އިންސާނީ އެހީ މިނިވަންކަމާއެކު އަދި ތަނަވަސްކޮށް ފޯރުކޮށްދިނުމަށް ސަލާމަތީ މަޖިލީހުގެ ގިނަ މެންބަރުން ތާއީދުކުރާ ކަމެވެ.
އަލްޖީރިއާގެ ފަރާތުން ވާހަކަދެއްކެވި މަންދޫބު ވިދާޅުވީ، "އަދި ކިތައް މީހުން މަރުވާންޖެހޭނެތޯ ސަލާމަތީ މަޖިލީހުން ފިޔަވަޅު އެޅުމުގެ ކުރިން؟ ކިތައް ކުދިން ޔަތީމުވާންޖެހޭނެތޯ ޣައްޒާ ވީރާނާ ކޮށްލުމުގެ ކުރިން؟ މި މަޖިލީހުން 'މިހާރު ފުދެއޭ' ބުނުމުގެ ކުރިން އަދި ކިހާ ލޭއެއް އޮހޮރެންޖެހޭނެތޯ؟ … ނިންމުމެއް ނުނިންމާ ތިބުމުގެ ވަގުތު މިހާރު ވަނީ ހަމަވެފައި" ކަމަށެވެ.
ފްރާންސްގެ ފަރާތުން ވާހަކަދެއްކެވި މަންދޫބު ވިދާޅުވީ، "ފާއިތުވި ދުވަސްތަކުގައި ވަރަށް މަދުން ފޯރުކޮށްދެވުނު އެހީގެ މިންވަރަކީ، 12 ހަފްތާގެ ފުރިހަމަ ބްލޮކޭޑަކަށްފަހު، ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް އެއްގޮތަކަށްވެސް ފުދޭ މިންވަރެއް ނޫނެވެ. ކާންބޯން ނެތިފައިވާ، ހާސްވެފައިވާ މީހުން އެހީ ބަހާ ޕޮއިންޓްތަކަށާއި ޓްރަކުތަކަށް އެރުމުގެ މަންޒަރަކީ މިކަމުގެ ހިތާމަވެރި ހެއްކެކެވެ."
ޔޫކޭގެ ފަރާތުން ވާހަކަދެއްކެވި މަންދޫބު ވިދާޅުވީ، "އދ. އިން 9,000 ޓްރަކު ބޯޑަރުގައި ތައްޔާރުކޮށްފައި ބަހައްޓާފައިވާ ކަމަށެވެ. އަދި ހިތްވަރުގަދަ އިންސާނީ އެހީގެ މަސައްކަތްތެރިން އެމީހުންގެ މަސައްކަތް ފެށުމަށް ތައްޔާރަށް ތިބިއިރު، އދ. ގައި އެހީ ފޯރުކޮށްދިނުމުގެ ސާފު ޕްލޭނެއް އެބައޮތެވެ. މި ޕްލޭނުގައި އެހީ އެހެން ފަރާތްތަކަށް ބަދަލުވިޔަ ނުދިނުމަށް ވަރުގަދަ ފިޔަވަޅުތަކެއް ހިމެނިފައި ވާނެ ކަމަށެވެ."
ގަޔާނާގެ ފަރާތުން ވާހަކަދެއްކެވި މަންދޫބު ވިދާޅުވީ، "މުޅި އުއްމަތެއް ފުހެލުމުގެ މަސައްކަތް ކުރަމުންދާއިރު އަޅުގަނޑުމެން ފިޔަވަޅު ނޭޅުމުން، ކުރިއަށް އޮތް ޖީލުތަކުން އަޅުގަނޑުމެންނާމެދު ދޭނެ ޙުކުމް ވަރަށް ހަރުކަށި ވާނެއެވެ. މި މަޖިލީހަށް މިހާރުވެސް ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތެވެ. މިހާރު ފުދިއްޖެއެވެ."
މި ބައްދަލުވުމުގައި، ކުއްލި ޙާލަތްތަކުގައި އޮޕަރޭޝަން ކުރާ ސާޖަން ޑރ. ފިރޯޒް ސިދްވާ ވެސް ވާހަކަފުޅު ދެއްކެވިއެވެ. އޭނާއާއި އެހެން ތަޖުރިބާކާރުން ވެސް ހަނގުރާމަ ހުއްޓާލުމަށާއި ޣައްޒާއަށް އެހީ ފޯރުކޮށްދިނުން އަލުން ފެށުމަށް ގޮވާލެއްވިއެވެ.
މި ބައްދަލުވުން ބޭއްވުނީ ޣައްޒާގެ ރައްޔިތުން ވަރަށް ބޮޑަށް ހާސްވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އދ. އިން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާ ވަގުތެއްގައެވެ. ޣައްޒާގައި އެންމެ ދިގު މުއްދަތަކަށް އެހީ ފޯރުކޮށްދެމުން އައި ފަރާތަކީ އދ. އެވެ.
އެމެރިކާއާއި އިޒްރޭލުން ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް ފަހި މައިދާނެއްގެ ގޮތުގައި އިޚުތިޔާރުކޮށްފައިވާ ޣައްޒާ ދޫކޮށްލާނެ ހެނެއް ހިއެއް ނުވެއެވެ.





