އެހީ ހޯދަން ދިޔަ މީހުންނަށް ބަޑި ޖެހުން: މަރުވި މީހުންގެ އަދަދު 10 އަށް

ޣައްޒާ ސަރުކާރު މީޑިއާ އޮފީހުން ބުނާ ގޮތުގައި، ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި އެހީ ހޯދުމަށް މަސައްކަތް ކުރަމުންދިޔަ 10 ފަލަސްތީނު މީހުންގެ ގަޔަށް އިޒްރޭލު ސިފައިން ބަޑި ޖަހައި ޝަހީދުކޮށްލައިފިއެވެ. މި ހަމަލަތައް ދީފައި ވަނީ، އެމެރިކާގެ ކުލީ ސިފައިންގެ އެހީތެރިކަމާއެކު ހިންގަމުންދާ، ފާޑުކިޔުންތަކާ ކުރިމަތިވެފައިވާ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިންނެވެ.

ބުދަ ދުވަހު އާންމުކުރި މި އަދަދު އިތުރުވެފައި ވަނީ، ކުރީ ދުވަހު ފެނިގެން ދިޔަ ހިތްދަތިކުރުވަނިވި ވީޑިއޯތަކުގެ ފަހުންނެވެ. އެ ވީޑިއޯގައި ދައްކާފައިވަނީ ބަނޑަށް ޖެހިފައިވާ އެތައް ހާސް ފަލަސްތީނު މީހުން، ދެކުނު ޣައްޒާގެ ރަފަޙުގައި ހުންނަ ޣއްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ އެހީ ބެހުމުގެ މަރުކަޒަކަށް އެއްވެ، ބަކަރި ކޮށިތަކެއް ފަދަ ތަންތަނަށް ވަދެ ތިބި މަންޒަރެވެ.

ސަރުކާރު މީޑިއާ އޮފީހުގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، "އިޒްރޭލު ސިފައިން ވަނީ އެހީ ހޯދަން އެއްވެފައި ތިބި ބަނޑަށް ޖެހިފައިވާ ފަލަސްތީނު އާންމުންނާ ދިމާއަށް ބަޑި ޖަހާފައެވެ." މި ޔަހޫދީ ޓެރަރިސްޓް ހަމަލާގައި މަދުވެގެން 62 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.

އިޒްރޭލާ އެމެރިކާގެ އެހީގައި އެމެރިކާ ކުލީ ސިފައިން ހިންގާ ޖީއެޗްއެފްއިން ބުނާ ގޮތުގައި، އެ ޖަމްޢިއްޔާއިން ވަނީ ބުދަ ދުވަހު ޣައްޒާގައި އެހީ ބެހުމުގެ 4 މަރުކަޒުތަކުގެ ތެރެއިން ދެވަނަ މަރުކަޒު ހުޅުވާފައެވެ. ނަމަވެސް، މި އެހީ ބެހުމުގެ ނިޒާމަކީ މީހުން އަޅުދާސްކޮށް އެމީހުންގެ ވަނަވަރު ހޯދާ ރައްކާތެރިކަމެއް ނެތް މުއމަލާތެއް ކަމަށް ބުނެ އދ. ގެ އިސް ވެރިންނާއި އިންސާނީ އެހީގެ ދާއިރާގެ ފަރާތްތަކުން ގަދައަޅައި ކުށްވެރިކޮށްފައިވާ ކަމެކެވެ.

އދ. ގެ ފަލަސްތީނު ރެފިއުޖީންގެ އޭޖެންސީ (އަންރުވާ) ގެ އިސްވެރިޔާ މި އެހީ ބެހުމުގެ ނިޒާމާ މެދު ބުނެފައިވަނީ މިއީ އިޒްރޭލުގެ "އަނިޔާވެރިކަމުން ސަމާލުކަން އެއްކިބާކުރުމަށް ކުރާ ކަމެއް" ކަމަށެވެ.  އޭނާ އިތުރަށް ބުނެފައިވަނީ، އިޒްރޭލުން އެހީ ފޯރުކޮށްދިނުމަށް ފުރުސަތު ދީފިނަމަ، އަދި އެކަމުގެ ތަޖުރިބާ ހުރި ޖަމްޢިއްޔާތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ދޫކޮށްލައިފިނަމަ، ފުދޭވަރަކަށް އަދި ރައްކާތެރިކަމާއެކު އެހީ ފޯރުކޮށްދެވިދާނެ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވެފައިވާއިރު، އިޒްރޭލާއި ފަލަސްތީނުގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އިންސާނީ ޙާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ.ADV

ހިއްސާ ކުރައްވާ!