ހުޅަނގު އައްސޭރީގައި، ޔަހޫދީންގެ އިތުރު 22 އާބާދީއެއް ޤާއިމުކުރުމަށް އިޒްރޭލުގެ ކެބިނެޓުން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ކުރިން ހުސްކޮށްފައިވާ "ހޮމެޝް" އަދި "ސަނޫރު" ބަސްތީތަކަށް އަނބުރާ ދިއުމާއި، ޖޯޑަންއާ ހިފާފައިވާ ފަލަސްޠީނާ ދެމެދު އޮންނަ ސަރަހައްދުގައި 4 އައު ޔަހޫދީ އާބާދީ ޤާއިމުކުރުން ހިމެނެއެވެ.
އިޒްރޭލުގެ ޗެނަލް 14 އިން ބުނެފައިވާ ގޮތުގައި، ހުޅަނގު އައްސޭރީގައި އަލުން އާބާދީތައް ޤާއިމުކުރުމަކީ ޒަޔަނިސްޓުންގެ މުޖުރިމުން ކަމަށްވާ ސިފައިންގެ ވަޒީރު އިސްރާއީލް ކާޓްސް އަދި މާލީ ވަޒީރު ބެޓްސަލެލް ސްމޮޓްރިޗްގެ އިސްނެގުމުގެ ދަށުން ކުރިއަށްގެންދާ ޔަހޫދީ މަސައްކަތެކެވެ. މި މަސައްކަތުގެ މަޤްޞަދަކީ "ހުޅަނގު އައްސޭރީގެ ހުރިހާ ސަރަހައްދެއްގައި ޔަހޫދީންގެ އިސްތިރާޖީ ބާރު ވަރުގަދަކުރުން" ކަމަށް އެ ޗެނަލުން ބުނެފައިވެއެވެ.
އިޒްރޭލު މީޑިއާތަކުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ހުރިހާ އާ އާބާދީތަކެއް ވެސް ޤާއިމުކުރެވެނީ "ބިން ހިފުމުގެ ދުރު މުސްތަޤްބަލަށް އަމާޒުކޮށްގެން އެކުލަވާލެވިފައިވާ އިސްތިރާޖީ ވިސްނުމެއްގެ ދަށުންނެވެ. މީގެ މަޤްޞަދަކީ އެ ބިންތަކުގައި ޔަހޫދީންގެ ބާރު ގަދަކޮށް، ފަލަސްޠީނު ދައުލަތެއް ޤާއިމުވިޔަ ނުދިނުމަށާއި، ކުރިއަށް އޮތް އެތައް އަހަރަކަށް އާބާދީތައް ތަރައްޤީކުރުމަށް ބޭނުންވާނެ ބިންތައް ރިޒަރވް ކުރުމަށެވެ."
މި ނިންމުމާ ގުޅޭ ގޮތުން ވާހަކަދައްކަމުން ކާޓްސް ބުނެފައި ވަނީ: "މިނިންމުމަކީ ހަމައެކަނި އިރުމަތީ ސަރަހައްދުގައި އާބާދީތައް ވަރުގަދަކުރުމެއް ނޫނެވެ. މިއީ އިޒްރޭލަށް ނުރައްކާވެދާނެ ފަލަސްޠީނު ދައުލަތެއް ޤާއިމުވިޔަ ނުދިނުމަށް ކުރެވޭ އިސްތިރާޖީ މަސައްކަތެކެވެ. މިއީ ޒަޔަނިސްޓު ޔަހޫދީ ޖަވާބެކެވެ. އަދި އިޒްރޭލުގެ މުސްތަޤްބަލާ މެދު ސާފު ނިންމުމެކެވެ."
އެހެންނަމަވެސް، މި ނިންމުމާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ ފާޑު ކިޔަމުންނެވެ. ފަލަސްޠީނުގެ ވެރިންވެސް ވަނީ މިއީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެ މިކަން ކުށްވެރިކޮށްފައެވެ. ހަމާސްއިން ދެކޭ ގޮތުގައި ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ތިބޭ މީހުންނަކީ ފަލަސްޠީނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައިވާ މީހުންނެވެ. 




