ހަމާސް އިން ހަމަލަތައް ހުއްޓާލުމަށް އެއްބަސްވެއްޖެ

ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް އިން އެމެރިކާގެ ސްޕެޝަލް އެންވޯއީ، ސްޓީވް ވިޓްކޮފްގެ ހުށަހެޅުމަށް އެއްބަސްވެއްޖެކަމަށް އިއުލާނުކޮށްފިއެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ހަނގުރާމަ ހުއްޓުވައި، ހަމަލަތައް ދާއިމީ ހުއްޓުމަކަށް ގެނައުމެވެ.

ހަމާސްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން "ދާއިމީ ހަނގުރާމަ ހުއްޓުމަކާއި، އިޒްރޭލުގެ ބާރުތައް ޣައްޒާއިން އެއްކޮށް ފޭބުމާއި، އެހީތެރިކަން ފޯރުކޮށްދިނުމާއި، އަދި އެއްބަސްވުން އިއުލާނުކުރުމާއެކު ޕްރޮފެޝަނަލް ކޮމިޓީއަކުން ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް އެއްބަސްވުން" ހިމެނެއެވެ.

މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން 10 ޔަހޫދީ ހަނގުރާމައިގެ އަސީރުންނާއި ޔަހޫދީންގެ ހަމަލާގައި މަރުވެފައިވާ ބައެއް އަސީރުންގެ ހަށިގަނޑުތައް ދޫކޮށްލުމާއި، އޭގެ ބަދަލުގައި އެއްބަސްވެފައިވާ އަދަދަށް ޔަހޫދީން ވަގަށް ނަގާފައިވާ ފަލަސްޠީނު މީހުން ދޫކޮށްލުން ހިމެނެއެވެ. މި މުއާމަލާތް ކުރިއަށްދާނީ މެދުވެރިންގެ ގެރެންޓީގެ ދަށުންނެވެ.

ހަމާސްއިން ބުނެފައިވަނީ މިހާރު އެމީހުން ޔަހޫދީންގެ "މި އޮނިގަނޑަށް ފަހުގެ ޖަވާބަކަށް އިންތިޒާރުކުރަމުންދާ" ކަމަށެވެ. ހަމާސްގެ ލީޑަރެއް ކަމުގައިވާ ބާސިމް ނައީމް ވެސް އަންގާރަ ދުވަހު އެމެރިކާގެ އެންވޯއީގެ ހުށަހެޅުމަށް އެއްބަސްވެފައިވާކަން އިއުލާނުކޮށްފައިވެއެވެ.

ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާތާ މިހާރު ވަނީ 600 ދުވަހަށްވުރެ ގިނަ ދުވަސްވެފައެވެ. އާންމުން ދަނީ އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކާ ކުރިމަތިލަމުންނެވެ. މި ހަމަލާތަކުގެ ސަބަބުން މިހާތަނަށް 54,084 މީހުން ޝަހީދުވެ، 123,308 މީހުންނަށް އަނިޔާވެފައިވެއެވެ. މީގެ އިތުރުން ގެއްލިފައިވާ އަދި ހައްޔަރުކޮށްފައިވާ މީހުންގެ އަދަދެއް ނޭނގެއެވެ.

މި އެއްބަސްވުމަކީ ޣައްޒާގައި ދިގު މުއްދަތެއްގައި ދެމިގެންދާ ހަނގުރާމައަށް ނިމުމެއް ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ނަމަވެސް، ޔަހޫދީން ބޮޑާ ހޭކުމަކާ ނުލައި މިއަށް އެއްބަސްވާނަމަ ނޫނީ މިކަމެއް ކާމިޔާބެއް ނުވާނެއެވެ.ADV

ހިއްސާ ކުރައްވާ!