އަލްއަދުވާ ހޮސްޕިޓަލް ހުއްޓާލަން ޔަހޫދީން މަޖުބޫރުކޮށްފި

އިޒްރޭލުން އަލްއަދްވާ ހަސްފަތާލު ހުސްކޮށް މީހުން ބޭރުވުމަށް އެންގުމާ ގުޅިގެން އުތުރު ޣައްޒާގައި ހުރި އަދުވާ ހޮސްޕިޓަލް މިހާރު ވަނީ ހިދުމަތް ދިނުން ހުއްޓާލާފައި ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލް ވަނީ ހާމަކުރައްވާފައެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރެއިސަސް ވިދާޅުވި ގޮތުގައި މި ވަގުތު ހޮސްޕިޓަލްގައި 13 ބަލިމީހުންނާއެކު ޖުމްލަ 97 މީހުން ތިބިކަމަށާއި، މާދަމާ އެހެން ތަނަކަށް ބަލިމީހުން ބަދަލުކުރުމަށް އދ. އިން ވަނީ ރާވާފައެވެ. އެހެންނަމަވެސް މަގުތައް ބަންދުވެފައި ހުރުމުގެ ސަބަބުން ހޮސްޕިޓަލްގެ މެޑިކަލް އިކުއިޕްމަންޓްތައް ބަދަލެއް ނުކުރެވޭނެއެވެ.

"އަދުވާ ހޮސްޕިޓަލް ބަންދުވުމާއެކު، އުތުރު ޣައްޒާގައި މިހާރު ހިދުމަތްދޭ އެއްވެސް ހޮސްޕިޓަލެއް ނެތް. މިއީ އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް،" ޓެޑްރޯސް ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯއިން ވަނީ ހޮސްޕިޓަލާއި އެތަނުގެ މުވައްޒަފުންނާއި ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލާފައެވެ. އަދި އާންމު ރައްޔިތުންނާއި ސިއްހީ ޚިދުމަތްތައް ހިމާޔަތްކުރުމަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

"ހޮސްޕިޓަލްތަކަށް ހަމަލާދީ، އަދި އެތަންތަން އަސްކަރީ ބޭނުމަށް ބޭނުންކޮށްގެން ނުވާނެ. ހަނގުރާމަ ހުއްޓާލާ!" ޓެޑްރޯސް ވިދާޅުވިއެވެ.

 

ހިއްސާ ކުރައްވާ!