ޣައްޒާގައި 1.2 މިލިއަން މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް މަހަކު 143 މިލިއަން ޑޮލަރު ހޭދަވާ އެމެރިކާގެ ކުލީ ސިފައިންނާއި އިޒްރޭލުން ހިންގާ އިންސާނީ އެހީގެ އޮޕަރޭޝަނުގެ ފައިސާގެ މަސްދަރާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިއްޖެއެވެ.
އިޒްރޭލުގެ ސަރުކާރާ އިދިކޮޅު މީޑިއާ ރިޕޯޓުތަކުން ދައްކާގޮތުގައި، ކާބޯތަކެތި ބެހުމުގެ މަރުކަޒުތަކަށް ޣައްޒާގެ ރައްޔިތުން އަރައިގަތުމުގެ ހާދިސާތައް އިތުރުވެފައިވަނީ އެފަދަ ކަންކަން މެނޭޖު ކުރމުގެ ތަޖުރިބާ ކުލީ ސިފައިންނަށް ލިބިފައި ނެތުމުންނެވެ.
އިސްރާއީލުގެ އިދިކޮޅު ލީޑަރުން ވަނީ މި އޮޕަރޭޝަން ފަންޑުކުރަނީ އިސްރާއީލު ސަރުކާރުން އަޑީގައި އޮވެގެން ސިއްރުން ކަމަށް ބުނެއެވެ. ނަމަވެސް މިކަން ރަސްމީކޮށް އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި ބޮޑު އޮޕަރޭޝަނަށް ފައިސާ ހޯދަނީ ކޮން ގޮތަކުން ކަން ސާފުނުވިއަސް އެހީ ދިނުމުގެ މަސައްކަތަކީ އިޒްރޭލުގެ ހަނގުރާމައިގެ ޖަރީމާތަކާއި ބަނޑަށް ޖެއްސުން މަތި ޖެހުމަށް ކުރަމުންދާ ބައިކުޅަ ބައި މަސައްކަތެއް ކަމަށް އިޒްރޭލުގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އަދި ހިނގަމުންދާ ހަނގުރާމައެއްގެ ތެރޭގައި މިފަދަ ބޮޑު އަދަދެއްގެ ފައިސާ ހޯދަނީ ކޮން ފަރާތަކުންކަން ކިހިނެއްކަން ސާފުނުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވެސް އެފަރާތްތަކުން ދެކެއެވެ.
މި އެހީ ދޭ މީހުންނަކީ ސުއިޒަރލެންޑްގައި ފެބްރުއަރީ މަހު ރަޖިސްޓްރީ ކުރި ބައެކެވެ. މިކަމުގައި އުޅެނީ އެމެރިކާގެ ކުރީ ސިފައިންގެ ތެރޭން ހޮވާލާފައިވާ ކުލީ ސިފައިންގެ ބައެކެވެ.





