ހަސީނާއާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާ ހިންގި ކަމުގެ ދައުވާ ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފަށް ޖަރީމާ ހިންގި ކަމުގެ ދައުވާ އުފުލައިފިއެވެ. މިއީ 2024 ވަނަ އަހަރު ކިޔަވާ ކުދިން ފެށި އިހުތިޖާޖުތަކުގައި ހިންގި އަނިޔާވެރި ޢަމަލުތަކުގައި އޭނާގެ ދައުރާ ގުޅޭގޮތުން ކުރެވުނު ދައުވާއެކެވެ. މި ދައުވާއާއެކު އެކު 77 އަހަރުގެ ލީޑަރުގެ މައްޗަށް ރަސްމީކޮށް ޝަރީޢަތް ފެށިގެން ދާނެއެވެ. މިހާރު ހަސީނާ ހުންނެވީ އިންޑިޔާގައި އަމިއްލައަށް އަރުވާލެވިގެންނެވެ.

ތަޙްޤީޤު ރިޕޯޓުން ދައްކާގޮތުގައި ހަސީނާ ވަނީ ސިފައިންނާއި ފުލުހުންނަށް "ސީދާ އަމުރު ކުރައްވާފައި" ކަމަށް އެނގެއެވެ. އަދި އޭނާގެ ސިޔާސީ ޕާޓީއާއި ގުޅުންހުރި ގްރޫޕްތަކަށް ގިނަ އަދަދެއްގެ މީހުން މަރުވާގޮތަށް އޮޕަރޭޝަންތައް ހިންގުމަށް އެނގެވި ކަމަށްވެސް ވެއެވެ. ޕްރޮސެކިއުޓަރުން ބުނާގޮތުގައި ހަސީނާއަށް ދައުވާ ކޮށްފައި ވަނީ "ޖުލައި މަހުގެ އިހުތިޖާޖުތަކުގައި ހިންގި މަރުތަކުގައި އެހީތެރިވުމާއި، އެކަމަށް ހިތްވަރު ދިނުމާއި، ބައިވެރިވުމާއި، ފަސޭހަކޮށްދިނުމާއި، ރޭވުމާއި އަދި ހުއްޓުވުމަށް މަސައްކަތް ނުކުރުމުގެ" ކުށުގެ ދައުވާއެވެ.

"މި މަރުތަކަކީ ރޭވިގެން ހިންގުނު މަރުތަކެއް،" ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލްގެ ޗީފް ޕްރޮސެކިއުޓަރު މުޙައްމަދު ތާޖުލް އިސްލާމް ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވީ އާދީއްތަ ދުވަހު ޓީވީން ދުރައް ދެއްކި އަޑުއެހުމެއްގައެވެ. އޭނާ ވިދާޅުވީ ވީޑިއޯ ހެކިތަކާއި އެކި އޭޖެންސީތަކުގެ މެދުގައި ބަދަލުކުރެވުނު އެންކްރިޕްޓް ކުރެވިފައިވާ މުވާސަލާތުތަކުން މިކަން ސާބިތުވާ ކަމަށެވެ.

"ހެކިތައް ދިރާސާކުރުމަށްފަހު އަޅުގަނޑުމެންނަށް ނިންމުނީ މިއީ ވިލަރެސް ކުރެވިގެން، ފުޅާ ދާއިރާއެއްގައި އަދި ނިޒާމެއްގެ ތެރޭން ދެވުނު ހަމަލާތަކެއް ކަމަށް،" ޗީފް ޕްރޮސެކިއުޓަރު ވިދާޅުވި އެވެ.

ޕްރޮސެކިއުޓަރުން އިތުރަށް ބުނެފައިވަނީ ސަރުކާރުގެ އިސްވެރިޔާގެ ހައިސިއްޔަތުން، އިހުތިޖާޖުތަކުގައި ސަލާމަތީ ބާރުތަކުން ހިންގި ޢަމަލުތަކުގެ ޒިންމާ ހަސީނާ އުފުލަންޖެހޭ ކަމަށެވެ. ADV

ހިއްސާ ކުރައްވާ!