ބަނގްލަދޭޝްގެ މަރުކަޒީ ބޭންކުން މިއަދު ހާމަކުރި ގޮތުގައި، އެ ގައުމުގެ ފައިސާގައި އާ ޑިޒައިނެއް ތަޢާރަފުކޮށްފިއެވެ. މި އާ ޑިޒައިންއާއެކު މިހާތަނަށް ފައިސާގައި ޖަހާފައިވާ އެ ގައުމުގެ ބާނީ ކަމަށް ބެލެވޭ ޝެއިޚް މުޖީބުއްރަޙްމާންގެ ފޮޓޯގެ ބަދަލުގައި، ގުދުރަތީ މަންޒަރުތަކާއި އާސާރީ ތަންތަން ހިމަނާފައިވެއެވެ.
މިހާތަނަށް ބަނގްލަދޭޝްގެ ހުރިހާ ފައިސާއެއްގައިވެސް ޖަހާފައިވަނީ 1971 ގައި ޕާކިސްތާނުން މިނިވަންކަން ހޯދައިދިން ޝެއިޚް މުޖީބުއްރަޙްމާންގެ ފޮޓޯއެވެ. 1975 ވަނަ އަހަރު ހިނގި ސިފައިންގެ ބަޣާވާތެއްގައި އޭނާ ވަނީ އަވަހާރަކޮށްލާފައެވެ. އާ ފައިސާ ނެރުނު ނަމަވެސް، މިހާރު ބޭނުންކުރަމުންދާ ޝެއިޚް މުޖީބުއްރަޙްމާންގެ ފޮޓޯ ޖަހާފައިވާ ފައިސާއާއި ފައިސާ ފޮތި ވެސް ދައުރުވަމުންދާނެ ކަމަށް ބަނގްލަދޭޝް ބޭންކުން ބުނެފައިވެއެވެ.
ބަނގްލަދޭޝް ބޭންކުން ނެރުނު އާ ފައިސާގައި ހިމަނާފައިވަނީ ހިންދޫ އަދި ބުދު ދީނުގެ ފައްޅިތަކާއި ތާރީޚީ ގަނޑުވަރުތަކުގެ މަންޒަރުތަކެވެ. މީގެ އިތުރުން، އިނގިރޭސި އިސްތިއުމާރީ ވެރިކަމުގެ ދުވަސްވަރު އިނގިރޭސި ބޮޑު ވަޒީރު ޗަރޗިލް ބަނގްލަދޭޝް މީހުން ބަނޑަށް ޖެއްސި ޖަރީމާ ދައްކުވައިދޭ، ނިޔާވެފައިވާ ކުރެހުންތެރިޔާ ޒައިނުލްއާބިދީންގެ ކުރެހުމެއްވެސް ހިމަނާފައިވެއެވެ.
އަދި އެހެން ފައިސާއެއްގައި ޕާކިސްތާނާ ދެކޮޅަށް މިނިވަންކަމަށް ޓަކައި ހިންގި ހަނގުރާމައިގައި ޝަހީދުވި މީހުންގެ ހަނދާނުގައި ބިނާކޮށްފައިވާ ގައުމީ ހަނދާނީ މަރުކަޒުގެ މަންޒަރު ހިމަނާފައިވެއެވެ.
ބަނގްލަދޭޝް ބޭންކުން ބުނި ގޮތުގައި، މަރުހަލާތަކަކަށް ބަހާލައިގެން އަދި އެހެން ނޫޓޫތައް ތައާރަފް ކުރާނެއެވެ.



