އިޒްރޭލުގައި ހުންނަ އެމެރިކާ ސަފީރު އިޒްރޭލު ސަރުކާރުގެ ތަރުޖަމާނަކަށް

އިޒްރޭލުގައި ހުންނަ އެމެރިކާގެ ސަފީރު މައިކް ހަކަބީ ވަނީ ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް ފްރާންސުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ހަރުކަށި އިބާރާތުން ފާޑުކިޔާފައެވެ. ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ހަކަބީ ވިދާޅުވީ، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ޖަރީމާތަކުގެ ތެރޭގައި ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް ފްރާންސުން ކުރަމުންދާ މަސައްކަތަކީ "އެކަށީގެންނުވާ" ކަމެއް ކަމަށެވެ.

"އިޒްރޭލު ހަނގުރާމައެއްގައި އުޅެނިކޮށް، ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް އދ ގައި މަޝްވަރާކުރުމަށް ފްރާންސުން މަސައްކަތް ކުރަމުންދާ ކަމަށް އަޑުއިވުމަކީ ވަރަށް އެކަށީގެން ނުވާ ކަމެއް،" ހަކަބީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، "ފްރާންސުން ފަލަސްތީނު ދައުލަތެއް ދެކެން ބޭނުންވާނަމަ، އަހަރެންގެ ހުށަހެޅުމެއް އެބައޮތް: ފްރެންޗް ރިވިއެރާއިން ބައެއް ކަނޑައި، އެތަނުގައި ފަލަސްތީނު ދައުލަތެއް ޤާއިމުކުރުން ރަނގަޅުވާނެ. އެކަން ކުރަން މަރުހަބާ، އެކަމަކު އިޒްރޭލަށް މިކަހަލަ ޕްރެޝަރެއް ދިނުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން."

ޔަހޫދީއެއް ކަމަށްވާ ހަކަބީ އިތުރަށް ވިދާޅުވީ، "އަހަރެންގެ ނަޒަރުގައި، މިއީ ވަރަށް ލޭކައްކާލާ ކަމެއް. ފަރަންސޭސިންނަށް މިކަހަލަ ކަމެއް ކުރުމުގެ ހައްޤު އޮތްކަމަށް ހިއެއް ނުކުރަން. އުންމީދުކުރަނީ އެމީހުން އަލުން މިކަމާ މެދު ވިސްނާނެ ކަމަށް. އެކަމަކު އެމެރިކާއިން މިކަމުގައި އެއްބާރުލުމެއް ނުދޭނެ. އަހަރުމެން މި ކުޅިވަރުގައި ބައިވެރިއެއް ނުވާނަން."

ފްރާންސުން ވަނީ ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ތާއީދު ހޯދުމަށް ސިޔާސީ މަސައްކަތްތައް އިތުރުކޮށްފައެވެ. މިކަމާ ގުޅިގެން އިޒްރޭލާއި އެމެރިކާގެ ސަރުކާރާ ގުޅުން ބަދަހި ފަރާތްތަކުން ވަނީ ރުޅިވެރިކަމާއެކު ރައްދު ދީފައެވެ.

ހިއްސާ ކުރައްވާ!