ފަލަސްތީނުގެ މިސްކިތްތަކުގައި ބަންގި ގޮވުން މަނާކުރުމަށް ނިންމައިފި

އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ކަނާތްފިޔަ ސަރުކާރުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު ބެން-ގްވިރް ވަނީ އިސްރާއީލުނބް ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ހުރި މިސްކިތްތަކުގައި ބަންގި ގޮވުން މަނާކުރުމަށް އަމުރެއް ނެރެފައެވެ. މިކަން މީޑިއާއަށް ޔަގީން ކޮށްދީފައި ވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ އިސްލާމީ ޙަރަކާތް ޙަމާސްއިންނެވެ.

ޓެލެގްރާމް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ޙަމާސްއިން ބުނެފައިވަނީ މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި މުސްލިމުންގެ ދީނީ  ޝިއާރު ފާޅުކުމަށް ޔަހޫދީން ކުރަމުންދާ ޖެއްސުމެއް ކަމަށެވެ. އަދި މިއީ މިސްކިތްތަކާއި އިސްލާމީ މުޤައްދަސް ތަންތަނަށް އަމާޒުކޮށްގެން ދެމުންދާ ހަމަލަތަކުގެ ތެރޭން ބައެއް ކަމަށްވެސް ބުނެފައިވެއެވެ.

"އަޅުގަނޑުމެން ވަރަށް ހަރުކަށި އިބާރާތުން މި އިސްތިއުމާރީ ސިޔާސަތުތައް ކުށްވެރި ކުރަން.  އަޅުކަމުގެ ޝިއާރުތަކާއި، މުޤައްދަސް ތަންތަނަށް އަމާޒުކޮށްގެން ކުރާ އަނިޔާވެރި ދީނީ ހަނގުރާމަވެރި އަމަލުތައް ކުށްވެރި ކުރަން. މިއީ މުޤައްދަސް ތަންތަނާއި ދީނީ އަދި ތާރީޚީ ޙައްޤުތައް ރައްކާތެރި ކޮށްރިކޮށްދޭ ހުރިހާ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުޢާހަދާތަކަށް ފާޅުކަން ބޮޑު ގޮތެއްގައި އިޙްތިރާމް ނުކުރުމެއް" ޙަމާސްގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ޙަމާސްއިން ވަނީ އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ކަނާތުފިޔައިގެ ސަރުކާރާއި އެ ސަރުކާރުގެ ވަޒީރުންގެ ސީދާ އެހީތެރިކަމާއެކު، އިސްތިއުމާރީ ކަންކަން ކުރިއަށް ގެންދާ އިދާރާތަކުން ފަލަސްތީނު ރައްޔިތުންނާއި، އެމީހުންގެ މިސްކިތްތަކާއި، މުޤައްދަސް ތަންތަނަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ދާކަން ފާހަގަ ކުރެވޭ ކަމަށް ބުނެފައެވެ.

ހިއްސާ ކުރައްވާ!