އީރާނަކީ މިހާރު އިޒްރޭލަށް ވުރެން ބޮޑު ނިއުކްލިއަރ ބާރެއް

ޔުރޭނިއަމް ފައްކާ ކުރަމުން ގޮސް އީރާނަށް 10 ނިއުކްލިއާ ބޮން އުފެއްދުމުގެ ގާބިލުކަން ލިބިއްޖެއެވެ. ބައިނަލްއަޤްވާމީ އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އިން ބުނެފައިވާ މިއަދަދު ސައްހަ ކަމުގައި ވާނަމަ، އީރާނަކީ މިހާރު އިޒްރޭލަށް ވުރެން ބޮޑު ނިއުކްލިއަރ ޕަވަރެކެވެ.

މިވާހަކައާ ގުޅިގެން އިޒްރޭލުގައި ނުތަނަވަސްކަމެއް އުފެދި އީރާނަށް ހަމަލަ ދިނުން އަވަސް ކުރުމަށް ނަތަންޔާހޫއަށް ކަނާތު ފިޔައިގެ ހަރުކަށި ހައްދުފަހނައަޅާފައިވާ ޒަޔަނިސްޓު ޔަހޫދީން ދަނީ ގޮވާލަމުންނެވެ.

އިއްޔެ ނެރުނު ރިޕޯޓުގައި އައިއޭއީއޭ އިން ބުނެފައިވާ ގޮތުގައި އީރާނުގައި މިހާރު ހުރި މަތީ ފެންވަރުގެ ޔުރޭނިއަމްގެ ސްޓޮކުން 10 ނިއުކްލިއަރ ބޮން އުފެއްދުމަށް ފުދޭނެއެވެ. އަދި ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި މި ސްޓޮކް ވަނީ 50 އިންސައްތަ އިތުރުވެފައެވެ. އަދި 60 އިންސައްތައަށް އުފެއްދުން އަވަސްކޮށްފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އީރާނުން ވަނީ އައިއޭއީގެ ވާހަކަތަކަކީ ފުލޯކު ވާހަކަތަކެއް ކަމަށް ބުނެފައެވެ. އެމެރިކާގެ ގޮނޑިކޮއްކޮ މިއިދާރާއަކީ އެމެރިކާ ބޭނުންވާ ގޮތަށް ރިޕޯޓުތައް އުފައްދައިދީގެން ހަމަލަތައް ދިނުމަށް މަގުފަހިކޮށްދޭ އިދާރާއެކެވެ. މިމީހުން ސައްދާމު ހުސައިންގެ ސަރުކާރު ވައްޓާލުމަށްވެސް ހިނގާފައިވަނީ މި މަގުންނެވެ.

ހިއްސާ ކުރައްވާ!