ޣައްޒާގެ އުތުރުގައި ހުރި ހަމައެކަނި ޑަޔަލިސިސް ސެންޓަރު އިސްރާއީލުން ހަލާކުކޮށްލައިފި

ޣައްޒާގެ އުތުރުގައި ހުރި ބައިތުލް ލަހިޔާގެ އިންޑޮނޭޝިއާ ހޮސްޕިޓަލުގައި ހުރި ނޫރާ އަލްކަޢުބީ ކިޑްނީ ޑަޔަލިސިސް ސެންޓަރު އިސްރާއީލު ސިފައިން ބޮން އަޅައި ހަލާކުކޮށްލައިފި ކަމަށް ޣައްޒާގެ މިނިސްޓްރީ އޮފް ހެލްތުން ރިޕޯޓުކޮށްފިއެވެ. މި ސެންޓަރަކީ އެ ސަރަހައްދުގައި ހުރި ހަމައެކަނި ޑަޔަލިސިސް ސެންޓަރެވެ. އަދި މި ސެންޓަރުގައި 160 އަށްވުރެ ގިނަ ކިޑްނީ ބަލިމީހުންނަށް ފަރުވާ ދެމުން އައެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ ޖެނެރަލް މުނީރު އަލްބުރުޝް ވިދާޅުވި ގޮތުގައި މި ސެންޓަރަށް ދާދި ފަހުން ވެސް ޔަހޫދީ ސިފައިން ހަމަލާއެއް ދިނެވެ. އޭގެ ފަހުން މަރާތަށް ފަހު އަލުން އެތަން ހުޅުވީއެވެ.

ޔަހުދީ ސަރުކާރުން ބަނޑަށް ޖެއްސުމާއި ހިސާރަ ކުރުމުގެ ސަބބުން ތެލާއި މެޑިކަލް ސަޕްލައިސްގެ ތަދުމަޑުކަމެއް ކުރިމަތިވެފައިވީ ނަމަވެސް، މި ސެންޓަރުން ބަލިމީހުންނަށް ނާޒުކު ފަރުވާ ފޯރުކޮށްދެމުން ގެންދިޔައެވެ. އަލްބުރުޝް ދުނިޔެއަށް ދެއްކެވި ވީޑިއޯ ފުޓޭޖުގައި އިސްރާއީލު ބުލްޑޯޒަރުތައް އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. މިއީ މި ސެންޓަރަށް ބޮން އަޅައި ހަލާކުކޮށް ލުމަށްފަހު އިމާރާތް ތަޅާލަން ފޮނުވި ބުލްޑޯޒަރުތަކެވެ.

މިނިސްޓްރީ އޮފް ހެލްތުން ބުނާ ގޮތުގައި މިހާރު ހިނގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ކިޑްނީ ބަލިމީހުންގެ 41 އިންސައްތަ މީހުން ވަނީ ފަރުވާ ނުލިބިގެން މަރުވެފައިވެއެވެ.

މިއީ ޑަޔަލިސިސް ސެންޓަރުތަކަށް ވަދެވޭގޮތް ނުވުމާއި، އެ ފަރުވާ ދޭ ތަންތަން ޔަހުދީ ސިފައިން ހަލާކުކޮށްލުމުގެ ސަބަބުން ދިމާވެފައިވާ ކާރިސާއެވެ.

ނޫރާ އަލްކަޢުބީ ސެންޓަރު ހަލާކުކޮށްލުމާ ގުޅިގެން ޣައްޒާގެ އުތުރުގައި ޑަޔަލިސިސްގެ އެއްވެސް ޚިދުމަތެއް ދެން ދެވޭކަށް ނޯންނާނެއެވެ. ޔަހުދީން ދެމުންދާ މި ހަމަލަތަކަކީ އާބާދީތައް އެތަންތަނުން ފައްސާލައި ނަސްލު ދޮވެލުމަށް ދެމުންދާ ހަނގުރާމައިގެ ޖަރީމާތައް ކަމަށް ބެލެވޭ ޖަރީމާތަކެވެ.

ހިއްސާ ކުރައްވާ!