ޣައްޒާގައި އިސްރާއީލުން ދެމުންދާ ހަނގުރާމައިގެ ޖަރީމާތަކުގެ ހަމަލާތަކުގެ ސަބަބުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މަދުވެގެން 51 ފަލަސްތީނުން ޝަހީދުވެ، 503 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ. މީގެ އިތުރުން، ކުރިން ދެވުނު ހަމަލާއެއްގައި ޝަހީދުވި އެކެއްގެ ހަށިގަނޑު ވެސް ވަނީ ހަނގުރާމައިގައި ޔަހޫދީން ބޮން އަޅާފައިވާ ސަރަހައްދަކުން ފެނިފައެވެ.
އަޤްޞާ ޠޫފާން ފެށިފަހުން މިހާތަނަށް އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 54،470 އަށް އަރާފައިވާ ކަމަށާއި، 124،693 މީހުން ޒަޚަމްވެފައިވާ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ. އަދި މިއަހަރުގެ މާރިޗު މަހު ހަނގުރާމައިގެ ޖަރީމާތައް ހިންގާލައި އަލުން އެކަން ފެށުނު ފަހުން، 4،201 ފަލަސްތީނުން ޝަހީދުކޮށްލައި، 12،652 މީހުން ޒަޚަމްކޮށްލައިފައިވާ ކަމަށް ވެސް އެވުޒާރާއިން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން، އެމެރިކާގެ ކުލީ ސިފައިން ދެމުންދާ އެހީ ހޯދަން އުޅުނު މީހުންގެ ތެރެއަށް އިސްރާއީލު ސިފައިން ބަޑިޖެހުމުން މޭ 27 އިން ފެށިގެން ޝަހީދުވި މީހުންގެ އަދަދު 75 އަށް އަރާފައިވެއެވެ. އިއްޔެ އެކަނިވެސް 35 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ. އަދި އެހީ ހޯދަން އުޅުނު މީހުންގެ ތެރެއިން ޒަޚަމްވި މީހުންގެ އަދަދު 400 އަށް ވުރެ އިތުރުވެފައިވާ ކަމަށް ވެސް އެވުޒާރާއިން ހާމަކޮށްފައިވެއެވެ.
ފަލަސްތީނުން ވަނީ އެހީ ބެހުމުގެ މަރުކަޒުތައް ކައިރިއަށް އެއްވެ ކާނާ ހޯދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް، ކުލީ ސިފައިން އެހީ ބަހާ ސަރަހައްދާ ކައިރިއަށް ދިޔުމުން، އިސްރާއީލު ސިފައިން ދަނީ ފަލަސްޠީނު އާންމުންނަށް ހަމަލާ ދެމުންނެވެ.
ޔަހޫދީން އުފަލާއެކު އެމެރިކާއިން ވާގިލިބިގެން ހިންގަމުން ގެންދާ ހަނގުރާމައިގެ ޖަރީމާތަކާ ބެހޭ ގޮތުން އަރަބިންގެ ޚަލީފާ ޓްރަމްޕަށް ޓްރިލިއަން ޑޮލަރުގެ ވިޔަފާރި ދޭން އެއްބަސްވި އަރަބިންނަށް ފަލަސްޠީނުގެ މުސްލިމުންގެ ހައްގުގައި ކޮށްދެވޭނެ އެއްވެސް ކަމެއް ހަމަ ނެތީ ހެއްޔެވެ؟
އެހީދޭ މަރުކަޒުތައް ކައިރީގައި ޔަހޫދީ ސިފައިން ބަޑިޖަހައިގެން ޒަޚަމްވި މީހުންނަށް ފަރުވާދޭ ޑޮކްޓަރުން ބުނާ ގޮތުގައި އެ މީހުން ޒަޚަމްވެފައިވަނީ އެމީހުންނާ ދިމާއަށް ސީދާ ބަޑި ޖެހުމުންނެވެ. މިމީހުންނާ ދިމާއަށް ބަޑި ޖަހާފައި ވަނީ އިޒްރޭލު ސިފައިން މަތިންނެވެ. އަދި ބައެއް ތަންތާނގައި ސިފައިންގެ ފައުޖުތަކުންވެސް ބަޑި ޖަހާފައި ވެއެވެ.
ފަލަސްޠީނުގެ ސިވިލް ޑިފެންސް ޓީމުތަކުން ބުނާ ގޮތުގައި ޒަޚަމްވި ގިނަ މީހުން ތިބީ ނުރައްކާތެރި ނުވަތަ ސީރިއަސް ހާލަތުގައެވެ. އަދި މިއަދު ހެނދުނުން ފެށިގެން ޔަހުދީ ސިފައިން ދަނީ ޒަޚަމްވެފައިވާ މީހުން ސަލާމަތްކުރުމަށް އެހީވާން އުޅޭ ސިވިލް ޑިފެންސް ޓީމުތަކަށް ހުރަސްއަޅަމުންނެވެ.





