ދެކުނު އެމެރިކާގެ ގައުމުތަކުން އިޒްރޭލު ކުށްވެރިކޮށްފި

ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ދެކުނު އެމެރިކާގެ ގައުމުތަކުން ނިންމައިފިއެވެ. ދެކުނު އެމެރިކާގެ ހަތް ގައުމަކުން އިޒްރޭލާ ދެކޮޅަށް ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް އަޅާފައިވާއިރު ތިން ގައުމަކުން ވަނީ ރަސްމީކޮށް ގުޅުން ކަނޑާލާފައެވެ.

ޗިލީ: ހަތިޔާރު ވިއްކުން މަނާކުރުމާއި ވިޔަފާރި ބޮއިކޮޓްކުރުން

ޗިލީގެ ރައީސް ގެބްރިއަލް ބޮރިޗް ވަނީ މި ހަފްތާގައި ޔަހޫދީންގެ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވަނީ އިޒްރޭލުން "ނަސްލީ ސާފުކުރުމުގެ އަމަލުތައް" ހިންގާ ކަމަށް ތުހުމަތުކުރައްވައި، އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުމާއި އިޒްރޭލާއެކު ވިޔަފާރި ކުރުން މަނާކުރާކަން އިއުލާން ކުރައްވާފައެވެ.

އިޒްރޭލުން ހަނގުރާމައިގެ ޖަރީމާތައް ހިންގަން ފެށި ފަހުން ޗިލީ އާއި އިޒްރޭލުގެ ގުޅުން ވަނީ ގޯސްވެފަ އެވެ. މީގެ ކުރިން ޗިލީން ވަނީ އިޒްރޭލުގައި ހުންނަ ސަފީރު ވެސް އަނބުރާ ގެނަސްފައެވެ. އަދި އެއަށްފަހު އަސްކަރީ އެޓާޗޭ ވެސް އަނބުރާ ގެނަސް، ޔަހޫދީންގެ ސަރުކާރާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓަށް ހުށަހެޅި ދައުވާގައި ބައިވެރިވެފަ އެވެ.

ޗިލީން ވަނީ އިޒްރޭލާ ގުޅުން ކަނޑާލާނެ ކަމުގެ އިންޒާރު ދީފައެވެ. އެކަން ރިޕޯޓުކޮށްފައި ވަނީ އިޒްރޭލުވެ ޗެނަލް 12 އިންނެވެ.

ބްރެޒިލް: ޣައްޒާ ބަނޑަށް ޖެއްސުން ހިޓްލަރުގެ އަމަލުތަކާ އަޅާކިޔުން

ބްރަޒީލަކީވެސް އިޒްރޭލުގެ ނަސްލު ސާފުކޮށްލުމުގެ ހަނގުރާމައިގެ ޖަރީމާތަކަށް ފާޑުކިޔާ ޤައުމެކެވެ. ބްރަޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑި ސިލްވާ ވަނީ، ޣައްޒާގައި ޔަހޫދީންގެ ސަރުކާރުން ހިންގަމުންގެންދާ ޖަރީމާތަކަކީ، އެޑޮލްފް ހިޓްލަރު ހިންގި ފަދަ އަމަލުތަކާ އެއްވަރުގެ އަމަލުތަކެއް ކަމަށް ސިފަކޮށް، އެކަންކަމަކީ އިޒްރޭލުގެ "ނަސްލު ނައްތާލުމުގެ" އޮޕަރޭޝަނެއް ކަމަށް ސިފަކޮށްފައެވެ.

އެކަމާ ގުޅިގެން ބްރަޒިލްގެ ވާހަކަ އަނބުރައި ގެންދިއުމަށް އިޒްރޭލުގެ ފޮރިން މިނިސްޓަރު އެދުނެވެ. އަދި ބްރަޒިލްގެ ސަފީރު އިޒްރޭލުން ބޭރުކޮށްލިއެވެ.

ބޮލީވިއާއިން ގުޅުން ކަނޑާލި

ޔަހޫދީ ސަރުކާރުގެ ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށުމާ ގުޅިގެން ބޮލީވިއާއިން ވަނީ އިޒްރޭލާ އެކު ޑިޕްލޮމެޓިކް ގުޅުން ކަނޑާލިކަން އިއުލާންކޮށްފައެވެ. އަދި ޣައްޒާގައި އިޒްރޭލުން ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގާ ކަމަށް ތުހުމަތުކޮށް ދެކުނު އެފްރިކާއިން ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް ހުށަހެޅި ނަސްލު ނައްތާލުމުގެ ދައުވާއާގައި ވެސް ބޮލީވިއާ އިން ވަނީ ބައިވެރިވެފައެވެ.

ބޮލީވިއާއަކީ، 2009 ވަނަ އަހަރު ވެސް އިޒްރޭލާ ގުޅުން ކަނޑާލި ޤައުމެކެވެ. އަދި ފަހުން 2020 ވަނަ އަހަރު އަލުން ގުޅުން ގާއިމް ކުރިއެވެ. މިހާރުގެ ބޮލީވިއާ ސަރުކާރަކީ ދެކުނު އެމެރިކާ ސަރަހައްދުގައި ފަލަސްތީނުގެ މިނިވަންކަމަށް އެންމެ ބޮޑަށް ތާއީދުކުރާ އެއް ސަރުކާރެވެ.

ކޮލަމްބިއާ: ގުޅުން ކަނޑާލައި ކޯލާ ދެލި އެކްސްޕޯޓް ކުރުން މަނާކުރުން

ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ 2024 ވަނަ އަހަރުގެ މެއި މަހު އިޒްރޭލާ ގުޅުން ކަނޑާލާނެކަން އިއުލާން ކުރެއްވިއެވެ. އޭނާ ވަނީ އިޒްރޭލުގެ ނަސްލު ނައްތާލުމާއި ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، "އަހަރެމެން ނަސްލު ނައްތާލުމަށް ތާއީދެއް ނުކުރަން" ކަމަށް ވިދާޅުވެފައެވެ.

ކޮލަމްބިއާއަކީ އިޒްރޭލަށް ކޯލާ ދެލި އެކްސްޕޯޓު ކުރާ ޤައުމެކެވެ. ނަމަވެސް މިހާރު ވަނީ އެކަން ހުއްޓާލާފައެވެ.

ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށުމާއެކު ކޮލަމްބިއާ އިން ވަނީ މަޝްވަރާތަކަށް ސަފީރު އަނބުރާ ގެނަސްފައެވެ. އެއަށްފަހު ސަފީރަކު ފޮނުވާފައެއް ނުވެއެވެ.

މެކްސިކޯ: އިޒްރޭލާ ދެކޮޅަށް ކުރި ދައުވާއާ ގާނޫނީ ގޮތުން ބައިވެރިވެއްޖެ

ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށުނުތާ މާގިނަ ދުވަސްތަކެއް ނުވެ މެކްސިކޯއިން ވަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި، ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް އިޒްރޭލާ ދެކޮޅަށް ހުށަހެޅި ދައުވާގައި ބައިވެރިވެފަ އެވެ.

ނިކަރާގުއާ: ގުޅުން ކަނޑާލި

ފަލަސްތީނުގެ ސަރަހައްދުތަކަށް ޔަހޫދީ ސިފައިން ދެމުންދާ ހަމަލާތަކާ ގުޅިގެން ނިކަރާގުއާ ސަރުކާރުން ވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިޒްރޭލާ އެކު ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައެވެ. އެގައުމުން ގުޅުން ކަނޑާލިކަން އިއުލާން ކުރަމުން ބުނެފައި ވަނީ އިޒްރޭލު ސަރުކާރަކީ "ފެޝީސްޓް" ސަރުކާރެއް ކަމަށާއި އެއީ "ނަސްލު ނައްތާލުމުގެ" އަމަލު ހިންގާ ސަރުކާރެއް ކަމަށެވެ.

ހޮންޑިއުރަސް: އިހުތިޖާޖު ކުރަމުން ސަފީރު އަނބުރާ ގެނެސްފި

އިޒްރޭލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ ހަނގުރާމަ ކުރިއަށް ގެންގޮސް، ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ ހިލާފުވުމުން އެކަމާ އިހުތިޖާޖު ކުރުމަށް ހޮންޑިއުރަސްގެ ސަރުކާރުން ވަނީ އިޒްރޭލުގައި ހުންނަވާ ސަފީރު އަނބުރާ ގެނެސްފަ އެވެ.

އިޒްރޭލުގެ ޗެނަލް 12 ވެބްސައިޓުން ބުނާގޮތުގައި މި ގައުމުތަކުން ގުޅުން ކަނޑާލިނަމަވެސް ލެޓިން އެމެރިކާގެ ފަސް ގައުމަކުން "އިޒްރޭލާ އެކު ގާތް ގުޅުންތަކެއް ބާއްވަމުން" ގެންދެ އެވެ.

އެ ޤައުމުތަކުގެ އެންމެ ކުރީގައި އޮތީ ޔަހޫދީއަކު ވެރިކަން ކުރާ އާޖެންޓީނާ އާޖެންޓީނާގެ ރައީސް ހާވިއާ މިލޭ ވަރަށް އަވަހަށް އިޒްރޭލަށް ވަޑައިގެން ޒަޔަނިސްޓު ދައުލަތާއެކު ސީދާ ވައިގެ ދަތުރުތައް ފަށާނެކަން އިއުލާން ކުރައްވާނެއެވެ.

އާޖެންޓީނާގެ އިތުރުން، ޕެރަގުއޭ، ޕެނަމާ، އިކުއެޑޯ އަދި ގުއަޓެމާލާ ވެސް އިޒްރޭލާއެކު ގުޅުންތައް ދަމަހައްޓާފައި ވެއެވެ.

ހިއްސާ ކުރައްވާ!