އިޒްރޭލުން ހިފާފައިވާ ސޫރިޔާގެ ގޯލާންގެ އުސްބިންތަކަށް ސޫރިޔާގެ ހަނގުރާމަވެރިން ރޮކެޓް ހަމަލައެއް ދީފިއެވެ. މިހަމަލައަށް ފަހު އިޒްރޭލުން ވަނީ ސޫރިޔާގެ ދިރްޢާއަށް ބޮން އަޅާފައެވެ. ޖައުލާނީގެ ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށް އިޒްރޭލު ކޮންޓްރޯލު ކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފައެވެ.
އިޒްރޭލުން ބުނެފައި ވަނީ އިސްތިއުމާރުކޮށްފައިވާ ޖޯލާނަށް ސޫރިޔާއިން ދިން ރޮކެޓް ހަމަލައަށް ޒިންމާވާން ޖެހޭނީ ޖައުލާނީ ކަމަށެވެ.
ސުރިޔާއިން ފޮނުވި ރޮކެޓްތަކަށް ބަދަލު ހިފުމުގެ ގޮތން އިޒްރޭލުން ވަނީ ސޫރިޔާގެ ސަރަހައްދުގެ 8 މޭލު އެތެރެއަށް ވަދެ ބޮން އަޅާފައެވެ. އަދި އެއަށްފަހު ބޮޑު ބަޑިން ހަމަލަ ދީފައެވެ.
ޖައުލާނީގެ އިންތިގާލީ ސަރުކާރުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ "އިޒްރޭލަށް" އަމާޒުކޮށް ރޮކެޓް ހަމަލަ ދިންކަން އެފަރާތަށް ޔަގީން ނުވާ ކަމަށެވެ. އަދި ސޫރިޔާގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރުމަކީ އެތައް ފަރާތެއްގެ މަސްލަހަތު އޮތް ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.





