ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދައުރުގައިވެސް އޭނާ ވަނި އަނެއްކާވެސް ބައެއް ޤައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާ ކުރައްވާފައެވެ. މިއީ އޭނާގެ ފުރަތަމަ ދައުރުގައިވެސް ކުރެއްވި ކަމެކެވެ.
މިހާރު ކުރައްވާފައިވާ އިއުލާނާ އެއްގޮތަށް. ޖޫން 9 އިން ފެށިގެން 12 ޤައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން ވަނީ މަނާކުރެވިފައެވެ. އެ ޤައުމުތަކަކީ އަފްޣާނިސްތާން، މިޔަންމާރު، ޗާޑު، ކޮންގޯ ރިޕަބްލިކް، އިކުއެޓޯރިއަލް ގިނީ، އެރިޓްރިއާ، ހެއިޓީ، އީރާން، ލީބިޔާ، ސޯމާލިޔާ، ސޫދާން އަދި ޔަމަނެވެ. މީގެ އިތުރުން 7 ޤައުމަކަށް ވަނީ ވިސާ ދޫކުރުމުގައި އިތުރު ދަތިތަކެއް ކުރިމަތި ކުރުމަށް ނިންމަވާފައެވެ. އެ ޤައުމުތަކަކީ ބުރުންޑީ، ކިއުބާ، ލާއޯސް، ސިއެރާ ލިއޯން، ޓޯގޯ، ތުރުކްމާނިސްތާން އަދި ވެނެޒުއެލާއެވެ.
ޓްރަމްޕް ވިދާޅުވާ ގޮތުގައި މި ފިޔަވަޅުތައް އަޅުއްވާފައި ވަނީ އެމެރިކާގެ ޤައުމީ ސަލާމަތަށް ޓަކައެވެ. ހޯމްލޭންޑް ސެކިއުރިޓީގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި މި ޤައުމުތަކުން ވިސާއަށް ހުށަހަޅާ މީހުން ދެނެގަތުމަށް ފަސޭހަ ނުވުމާއި ވިސާގެ މުއްދަތު ހަމަވުމަށްފަހު ވެސް އެގައުމުތަކުގެ މީހުން އެމެރިކާގައި ގިނަ ދުވަހަށް ދިރިއުޅެއެވެ.
މި ސިޔާސަތު ޓްރަމްޕް ގުޅުވާލައްވަނީ ކޮލޮރާޑޯގެ ބޯލްޑަރ ގައި ހިނގި ޓެރަރިސްޓް ހަމަލާއަކާއެވެ. އެ ހަމަލާ ދިން ފަރާތަކީ މުއްދަތު ހަމަވެފައިވާ ވިސާއެއްގައި ހުރި މިސްރު މީހެކެވެ. ނަމަވެސް މިސްރަކީ މަނާކުރެވިފައިވާ ޤައުމުތަކުގެ ލިސްޓުގައި ހިމެނޭ ޤައުމެއް ނޫނެވެ.
2017 ވަނަ އަހަރު ތަންފީޒުކުރެވުނު ބޭރު މީހުން އެމެރިކާއަށް އެތެރެވުން ހުއްޓުވުން މަނާކުރުމާ ޚިލާފަށް، މި ފަހަރުގެ މަނާކުރުން ވަނީ ކުރީގެ ސުޕްރީމް ކޯޓުގެ ޙުކުމަކުން ބާރު ލިބިގެން ތަންފީޒުކުރެވިފައެވެ. އަދި މިހާރު ވިސާ ލިބިފައިވާ ފަރާތްތަކާއި ވަކި ބައެއް ގްރޫޕްތަކަށް އިސްތިސްނާ ދެވިފައިވެއެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި މަނާކުރުން އަމާޒުވެފައި ވަނީ އެފްރިކާ އަދި މުސްލިމުން ގިނަ ޤައުމުތަކަށް ކަމަށްވުމުން، ޑިޕްލޮމެޓިކް ގުޅުންތަކަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.






