މޫސުމީ ކަންކަމާ ބެހޭ އެކްޓިވިސްޓް ސުއިޑެންގެ ގްރެޓާ ތުންބަރގް އާއި ފަލަސްތީނަށް ތާއީދުކުރާ 11 އެކްޓިވިސްޓުން، ޖޫން 1 ވަނަ ދުވަހު، އިޓަލީގެ ކަޓާނިއާ އިން "މަދްލީން" ނަމަކަށް ކިޔާ އުޅަނދެއްގައި ފަލަސްޠީނަށް ދަތުރު ފަށައިފައި ވެއެވެ. މި ދަތުރުގެ މަޤްޞަދަކީ ޣައްޒާއަށް ރަމްޒީ އެހީ ފޯރުކޮށްދިނުމާއި، އިޒްރޭލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ހިސާރަ ކުރުމަށް ގޮންޖެހުމެވެ. މިނިވަން ފުޅަނދު އިއްތިހާދުގެ ނަމުން ދަތުރުކުރާ މި އުޅަނދުގެ މަޤްޞަދަކީ ޣައްޒާގައި އިޒްރޭލުން ހިންގާ އިންސާނީ ކާރިސާ ދުނިޔޭގެ ސަމާލުކަމަށް ގެނައުމެވެ. ޣައްޒާއަކީ ގުދުރަތީ ސަބަބަކާ ނުލައި ބަޔަކު މީހުން ގަސްތުގައި ބަނޑަށް ހައްސާފައިވާ އާބާދީއެކެވެ.
އިޒްރޭލުގެ ސިފައިން ވަނީ މިފަދަ އުޅަނދުތައް ކުރިންވެސް އެމީހުން ހުއްޓުވާފައިވާނެ ކަމަށް ބުނެފައެވެ. އަދި މިފަހަރުވެސް އެކަމަށް ތައްޔާރަށް ތިބިކަމަށް ބުނެފައެވެ.
އިޒްރޭލަށް ސަޕޯޓު ކުރާ ފަރާތްތަކުން ވަނީ މި އުޅަނދު ފައްތާލުމަށާއި ތުންބަރގް މަރާލުމަށް ގޮވާލާފައެވެ.

މި ބޯޓުން މައުލޫމާތު ދީފައިވާ ގޮތުގައި އުޅަނދާ ދިމާލަށް ޑްރޯނެއް އައިސްފައިވެއެވެ. މީގެ ކުރިންވެސް މިފަދަ ބޯޓަކަށް ދްރޯން ހަމަލައެއް ދީފައި ވެއެވެ.
ދަތުރު ފެށުމުގެ ކުރިން ގްރެޓާ ތުންބަރގް ވަނީ މި މިޝަންގެ މުހިންމުކަން ފާހަގަކޮށްފައެވެ. އަދި ނުރައްކާތެރިކަން އޮތްނަމަވެސް މި މިޝަން ކުރިއަށް ގެންދިއުން މުހިންމުކަމަށް އޭނާ ބުންޏެވެ.
މި އުޅަނދުގެ ފަޅުވެރިންގެ ތެރޭގައި ހިމެނޭ އެކްޓަރު ލިއާމް ކަނިންގްހަމް ވަނީ ހުރަހެއް ނެތްނަމަ މި ދަތުރު 7 ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ.





