ޣައްޒާގެ ހަނގުރާމައިގައި އިނގިރޭސިންގެ ދައުރު ބެލުމަށް މިނިވަން ތަޙްޤީޤެއް ހިންގަނީ

އިނގިރޭސި ސަރުކާރުން ޣައްޒާގެ ހަނގުރާމައިގެ ޖަރީމާތަކުގައި ބައިވެރިވެފައިވާ މިންވަރު ބެލުމަށް ތަހުގީގެއް ހިންގުމަށް ހުށަހަޅުއްވައިފިއެވެ. އިނގިރޭސިވިލާތުގެ ޕާލަމެންޓަށް ހުށަހެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލިންގްޓަން ނޯތުގެ މިނިވަން އެމްޕީ ޖެރެމީ ކޯބިން ވަނީ "ޣައްޒާ މިނިވަން ޢާންމު ތަޙްޤީޤުގެ ބިލު" ހުށަހަޅުއްވާފައެވެ. މި ބިލުގެ މަޤްޞަދަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތކުގައި އިނގިރޭސިވިލާތުގެ ބައިވެރިވުން ބަލައި މިނިވަން ތަޙްޤީޤެއް ހެދުމެވެ. މީގެ ތެރޭގައި ޢަސްކަރީ، އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ޒަޔަނިސްޓުންގެ ޖަރީމާތަކަށް ދޭ އެއްބާރުލުން ތަހުގީގު ކުރުން ހިމެނެއެވެ. އަދި ހަތިޔާރު ވިއްކުމާއި އާރްއޭއެފްގެ މަތިންދާބޯޓާއި ދިފާއީ ވަސީލަތަތްތައް ބޭނުންކުރާތޯ ބަލުންވެސް ހިމެނެއެވެ.

ޕާލަމެންޓުގެ ޖަލްސާއެއްގައި ކޯބިން މި ބިލު ރަސްމީކޮށް ހުށަހެޅުއްވީ 4 ޖުލައި ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބިލްގެ ދެވަނަ ކިޔުމަށް ހުއްދަ ލިބިފައިވެއެވެ. މި ބިލުގެ މަޤްޞަދަކީ ޣައްޒާގައި ހިނގާ ޖަރީމާތަކަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ އަލީގައި، މި ހަނގުރާމައިގައި އިނގިރޭސިވިލާތުގެ ދައުރު ވަޒަންކުރުމެވެ. މި ފިޔަވަޅަކީ އިނގިރޭސިވިލާތުގެ ޚާރިޖީ ސިޔާސަތުގައި ޖަވާބުދާރީ ކުރުވުން އިތުރުކުރުމަށް ކޯބިން ކުރައްވަމުން ގެންދަވާ ދިގު މުއްދަތުގެ މަސައްކަތުގެ ބައެކެވެ. އަދި އިސްރާއީލާ ގުޅޭގޮތުން ކުރީގެ ކޮންޒަވޭޓިވް ސަރުކާރުންނާއި މިހާރުގެ ލޭބަރ ސަރުކާރުން ނިންމާފައިވާ ނިންމުންތަކާމެދު އޭނާގެ ފާޑުކިޔުންތެރި ސްޓޭންޑް ފާހަގަކޮށްދޭ ކަމެކެވެ.

މި ބިލު ހުށަހެޅުމާ ގުޅިގެން ގިނަ ބަހުސްތަކެއް ކުރެވިފައިވެއެވެ. އަދި ބައެއް ފަރާތްތަކުން ދެކެނީ މި ފިޔަވަޅަކީ ބޮޑުވަޒީރު ކީރ ސްޓާމަރ އަދި ޚާރިޖީ ވަޒީރު ޑޭވިޑް ލެމީގެ ސިޔާސަތުތަކަށް ސީދާ ގޮންޖެހުމެއްގެ ގޮތުގައެވެ. ސޯޝަލް މީޑިއާގައި ޕޯސްޓު ކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ "ކޯބިން ދެންމެ ސްޓާމަރާއި ލެމީ ދަ ހޭގްއަށް ފޮނުވައިފި" މިހެންނެވެ.

މިއީ އިސްރާއީލާ ދޭތެރޭ އިނގިރޭސިވިލާތުގެ ސިޔާސަތުގައި އެ ދެ ފަރާތުގެ ދައުރާ ގުޅިގެން ބައިނަލްއަޤްވާމީ ކުރިމިނަލް ކޯޓުގައި ހިންގިދާނެ ތަހުގީގަށް އިޝާރާތް ކުރުމެކެވެ.

ހިއްސާ ކުރައްވާ!