ފްރާންސްގެ ޚާރިޖީ ވަޒީރު ޖީން-ނޮއެލް ބެރޯ، ފްރާންސްގެ ރޭޑިއޯ ސްޓޭޝަން އާރްޓީއެލްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، ފަލަސްތީނު ދައުލަތް ފްރާންސްއިން ބަލައިގަންނާނެ ކަމަށެވެ. ނަމަވެސް އެކަން ކުރާނެ ވަކި ތާރީޚެއް ސީދާ ބަޔާންކުރައްވާފައެއް ނުވެއެވެ.
ނަމަވެސް، ވަޒީރު ވިދާޅުވެފައިވަނީ ދެ ދައުލަތުގެ ހައްލާ ގުޅޭގޮތުން ފްރާންސް އާއި ސައޫދީ އަރަބިއްޔާ ގުޅިގެން ބާއްވާ – "ފަލަސްތީނު ދައުލަތެއް އުފެއްދުމަށް – ބާއްވާ އދ. ގެ ޖަލްސާގައި – ފަލަސްޠީނުގެ ދައުލަތް ބަލައި ގަތުމަށް އަޅާފައިވާ ހުރިހާ ހުރަސްތަކެއް ނައްތާލުމަށް ޤައުމުތަކަށް އެއްބަސްވުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އދ. ގެ ޖަލްސާގައި އެހެން ޤައުމުތަކުން ފަލަސްޠީނު ބަލައި ނުގަތަސް ފްރާންސްއިން އަމިއްލައަށް ފަލަސްތީނު ދައުލަތް ބަލައިގަންނާނެތޯ ސުވާލުކުރެވުނެވެ.
އޭގެ ޖަވާބުގައި އޭނާ ވިދާޅުވީ ފްރާންސްއިން ރަމްޒީ ގޮތަކަށް އެކަން ކުރާކަށް ބޭނުމެއް ނުވެއެވެ. ބޭނުން ވަނީ ވީހާވެސް ޔަގީންކަން ބޮޑު ގޮތަކަށް ފަލސްޠީނުގެ ދައުލަތް ވުޖޫދު ކޮށް ދިނުމަށް ބޭނުންވާ ކަންކަން ނިންމުން ކަމަށް އޭނާ ވިދާޅުވިއެވެ.





