ކްލަބް ވޯލްޑް ކަޕްގެ ޓިކެޓް ނުވިކިގެން ޓިކެޓްގެ އަގު ދަށްކޮށްފި

ޖޫން 14 ގައި ބައްވާ ކްލަބް ވޯލްޑް ކަޕްގެ އޮޕަނިންގ މެޗުގައި ނުވިކި ގިނަ ގޮނޑިތަކެއް ހުރުމާއެކު ފްލޮރިޑާގެ މަޔާމީ ގާޑަންސްގެ ހާޑް ރޮކް ސްޓޭޑިއަމްގެ ހުސް ގޮނޑިތައް ފުރުވުމަށްޓަކައި، ފީފާއިން ޓިކެޓް އަގުހެޔޮ ކުރަން ފަށައިފިއެވެ.

މިފުރަތަމަ މެޗުގައި ކުޅޭނީ ފުޓްބޯޅަ ތަރި ލިއޮނެލް މެސީގެ އިންޓަރ މަޔާމީ އާއި މިސުރުގެ އަލްއަހްލީ އެވެ. ދަ އެތްލެޓިކްއިން ރިޕޯޓުކުރި ގޮތުގައި މި މެޗަށް ސްޓޭޑިއަމްގެ 65،326 ގޮނޑީގެ ތެރެއިން ދިހަ ހާސް ގޮނޑިވެސް އަދި ނުވިކެއެވެ. ނަމަވެސް ފީފާއިން މި ވާހަކަތައް ދޮގު ކުރެއެވެ. ފީފާއިން ބުނަނީ ވިކިފައިވާ ޓިކެޓްގެ އަދަދު އެއަށްވުރެ "މާ ގިނަ" ކަމަށެވެ. ނަމަވެސް ވަކި އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.

"އަޅުގަނޑުމެން މި ޓޯނަމަންޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އައު ކްލަބްތަކެއް ގެންނަނީ އެމެރިކާގެ 11 ސިޓީއަކަށް" ފީފާއިން ބުނެފައިވެއެވެ. "އަޅުގަނޑުމެން އުއްމީދުކުރަނީ ފުރަތަމަ ފަހަރު ބާއްވާ މި އިވެންޓަށް ގިނަ ބަޔަކު އަންނާނެ ކަމަށް. އަދި ކުރިއަށް އޮތް އަހަރުތަކުގައި މި އަދަދު އިތުރުވާނެ" ކަމަށެވެ.

މިހާރު މެޗުގެ ޓިކެޓްގެ އަގު 55 ޑޮލަރަށް ދަށްކޮށްފައި ވެއެވެ. މިދިޔަ ޑިސެމްބަރު މަހު މިއަގުތައް އުޅުނީ 349 ޑޮލަރަށެވެ. އަދި ފަހުން 230 ޑޮލަރަށް ވެސް ދަށްވިއެވެ.

މި މެޗްތަކުގައި ކުޅޭނީ އިންޓަރ މަޔާމީ، ސިއެޓަލް ސައުންޑަރސް، ލޮސް އެންޖެލެސް އެފްސީ، ރިއަލް މެޑްރިޑް، މެންޗެސްޓަރ ސިޓީ، ބަޔަން މިއުނިކް، ޕެރިސް ސެއިންޓް-ޖަރމޭން، ޗެލްސީ އަދި އިންޓަރ މިލާން ފަދަ ޓީމުތަކެވެ. ޖުމުލަ 32 ޓީމުން ބައިވެރިވާ ކްލަބް ވޯލްޑް ކަޕް ކުރިއަށްދާނީ ޖުލައި 13 އާ ހަމައަށެވެ.ADV

ހިއްސާ ކުރައްވާ!