ޣައްޒާގެ އުތުރުގައި ހުރި ހުރިހާ ހޮސްޕިޓަލެއް މަސައްކަތް ހުއްޓުވާލައިފިކަމަށް ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން މިއަދު ހާމަކޮށްފިއެވެ. މި ޖަމްޢިއްޔާއިން ވަނީ ޣައްޒާގެ ސިއްޙީ ނިޒާމު އިޒްރޭލުން ފުނޑުފުނޑު ކޮށްފައިވާ ކަން ޔަގީންކޮށްދީފައެވެ.
ޑަބްލިއު.އެޗް.އޯ އިން ބުނާ ގޮތުގައި ޣައްޒާގެ ނާސިރު މެޑިކަލް ކޮމްޕްލެކްސް އަދި އަލްއަމަލް ހޮސްޕިޓަލް ވެސް ހުއްޓާލަން ޖެހިފައި ވެއެވެ. މި ހޮސްޕިޓަލްތައް ބަންދުވުމުގެ ސަބަބުން ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުންނަށް ނުހަނު ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ޑަބްލިއު.އެޗް.އޯ އިން ވަނީ ބުނެފައެވެ.
މި ޖަމްޢިއްޔާއިން ޔަހޫދީ ސަރުކާރަށް ގޮވާލާފައިވަނީ ނާސިރު މެޑިކަލް ކޮމްޕްލެކްސް އަދި އަލްއަމަލް ހޮސްޕިޓަލް ރައްކާތެރިކޮށް، އެ ތަންތަން ހިދުމަތްދިނުމަށް ހުޅުވާފައި ބޭއްވުމަށެވެ. އަދި ޣައްޒާއަށް އަވަސް އަދި ރައްކާތެރި ގޮތެއްގައި އަސާސީ ބޭސްތަކާއި މެޑިކަލް ސަޕްލައިސް ފޯރުކޮށްދިނުމަށް ވެސް ގޮވާލާފައިވެއެވެ.
ޔަހޫދީ ސަރުކާރުން ވަނީ ފަލަސްޠީނު ޙިސާރަކޮށް ފެނާއި ކަރަންޓު ކަނޑާލައި ޣައްޒާ ބަނޑަށް ޖައްސާފައެވެ. މި ހާލަތުގައި ޣައްޒާގެ ރައްޔިތުންނަށް ދިމާވެފައިވާ ސިއްޙީ ކާރިސާއާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން މިހާރު ވަނީ އިތުރުވެފައެވެ. އަދި އަވަސް ހައްލެއް ހޯދުމަށް ގިނަ ފަރާތްތަކުން ދަނީ އިޒްރޭލަށް ގޮވާލަމުންނެވެ.






