ޔަހޫދީންގެ ނުފޫޒުން މިނިވަންވެ، ބީބީސީން ހަގީގަތް ކިޔައިދޭން ފަށައިފި

މި ފަހަކަށް އައިސް، އިޒްރޭލުގެ ސިޔާސަތުތަކާމެދު އިނގިރޭސި ސަރުކާރުގެ ފާޑުކިޔުން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އާންމުންގެ ނުރުހުން އިތުރުވަމުން އަންނައިރު، ފަލަސްތީނުގެ މައްސަލަ އިނގިރޭސި މީޑިއާގައި ރިޕޯޓުކުރާ ގޮތަށް ވެސް ބަދަލުތަކެއް ގެންނަމުންދާކަން ފާހަގަކުރެވެއެވެ.

އިޒްރޭލުން ޣައްޒާގައި ހިންގާ ހަނގުރާމައިގެ ޖަރީމާތައް ކަވަރުކުރުމުގައި އިޒްރޭލަށް ފާޑުކިޔާ ރިޕޯޓުތައް ގެނައުމާ ގުޅިގެން ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް އާއި ބީބީސީއާ ދެމެދު މީޑިއާގައި ހިނގި ބަހުސްތަކުން އިނގިރޭސި މީޑިއާގެ ރިޕޯޓިންގ އަށް އައި ބަދަލު ފާހަގަކުރެވެއެވެ.

ޣައްޒާގައި މަރުވި މީހުންގެ އަދަދާ ގުޅޭ ގޮތުން ހަމާސްއިން ނެރުނު ތަފާސްހިސާބުތައް ބޭނުންކޮށް، ނިއުސް ކަވަރޭޖުގައި ހިމެނުމުން އިޒްރޭލުގެ ހަނގުރާމައިގެ ޖަރީމާތަކަށް ވާގިވެރިވާ ވައިޓްހައުސް އެކަމާ ނުރުހުނެވެ. އަދި ބީބީސީން ވަނީ ވައިޓް ހައުސްގެ ތަރުޖަމާނު ކުރި ތުހުމަތުތަކަށް ރައްދު ދީފައެވެ.

ބީބީސީން ވަނީ މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ކުލީ ސިފައިން ބައިވެރިވެގެން އިޒްރޭލު ސިފައިންނާއެކު އިންސާނީ އެހީ ބަހާ ތަނެއްގެ ކައިރީގައި އިޒްރޭލުން ގަސްތުގައި އާންމުންނަށް އަމާޒުކޮށްގެން ބަޑި ޖަހައި ހަމަލާދިން ޚަބަރެއް ގެނެސްދީފައެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު މިނިވަން ނޫސްވެރިޔާ ޕީޓާ އޮބޯން ވިދާޅުވީ ޣައްޒާގައި އާންމުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ކުރިން ނުފެންނަ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އިނގިރޭސި މީޑިއާއިން މަސްތަކެއް ވަންދެން އަޅާނުލާ އޮޅުވާލަން މަސައްކަތްކުރި ހުރިހާ ހަގީގަތެއް މިހާރު ހާމަވަމުންދާ ކަމަށެވެ.

އޮބޯން އިތުރަށް ވިދާޅުވީ ޣައްޒާގެ ޚަބަރުތައް ކަވަރުކުރުމުގައި އިނގިރޭސި މީޑިއާއިން އަލުން އައު ބިނާކުރަނިވި ދައުރެއް އަދާކުރަން ފަށާފައިވާ ކަމަށާއި އިޒްރޭލުގެ ބަޔާންތަކަށް ރައްދުދީ ޔޫރަޕްގެ އާންމުންގެ މެދުގައި ތާއީދު ހޯދުމަށް މަސައްކަތްކުރާ ކަމަށާއި އެމެރިކާގެ ސަރުކާރުގެ ނުފޫޒުން އެއްކިބާވެ ނަޒާހަތްތެރިކަން ދައްކާ ކަމަށެވެ.

އިނގިރޭސިވިލާތުގެ މިނިވަން ނޫސްވެރިއެއް އަދި ލިޔުންތެރިއެއް ކަމަށްވާ ޔުވޮން ރިޑްލީ ގަބޫލުކުރާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ހާދިސާތަކަށް ފަހު އިޒްރޭލުން އުފައްދަން މަސައްކަތްކުރި ޕްރޮޕެގެންޑާ ވާހަކަތަކަކީ އިޒްރޭލާއި ޔަހޫދީންގެ އެކުވެރި ގައުމުތަކުން ނިޒާމީ ގޮތެއްގައި ދޮގު މައުލޫމާތު ފެތުރުމަށް ކުރިއަށް ގެންދިޔަ މަސައްކަތެއްގެ ބައެކެވެ.

ރިޑްލީ ވިދާޅުވީ ޑޮނަލްޑް ޓްރަމްޕް ގެ ވެރިކަމަކީ ނޫސްވެރިންނާއި އެމީހުންގެ މިނިވަން މަސައްކަތްތަކާ މެދު ނުރުހޭ ވެރިކަމެއް ކަމަށެވެ.

ބީބީސީން ހަގީގަތް އޮޅުވާލަން އުޅުމުން މީގެ މަސްތަކެއް ކުރިން ބީބީސީގެ 100 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ އެ ކުންފުނީގެ ޑިރެކްޓަރު ޖެނެރަލަށް ފޮނުވި ސިޓީއެއްގައި ވަކި ފަރާތަކަށް ބުރަވެގެން ރިޕޯޓު ކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބީބީސީގެ ޕްރެޒެންޓަރު ކަރިޝްމާ ޕަޓޭލް ދަ އިންޑިޕެންޑެންޓްގައި ލިޔުނު ލިޔުމެއްގައި ބުނެފައިވަނީ އޭނާ މަގާމުން ވަކިވާން ނިންމީވެސް ފަލަސްތީނުގެ ކަންކަމާ މުއާމަލާތްކުރުމުގައި ބީބީސީން ދެފުށް ފެންނަ މިންގަނޑެއް ނުގެންގުޅުމާއި ވަކި ފަރާތަކަށް ބުރަވެގެން ޚަބަރު ގެނެސްދޭތީ ކަމަށެވެ.

ފަލަސްތީނުގެ ކުޑަކުދިންގެ ހިތާމަވެރި ހާލަތު ދައްކުވައިދޭ ޑޮކިއުމެންޓްރީއެއް ބީބީސީގެ ޕްލެޓްފޯމުން އުނިކުރިއެވެ. އެކަން ކުރީ ޔަހޫދީންގެ ފިއްތުންތަކާ ހެދިއެވެ. އެކަން ކުރިފަހުން  އަލުން އެ ވީޑިއޯ ޝާއިއު ކުރުމަށް އިނގިރޭސިވިލާތާއި ބައިނަލްއަގްވާމީ މީޑިއާގެ 1،000 އަށް ވުރެ ގިނަ ފަރާތްތަކުން ސޮއިކޮށް އިލްތިމާސް ސިޓީއެއް ވެސް ބީބީސީއަށް ފޮނުވާފައިވެއެވެ.

މި ހުރިހާ ކަމަކުން ދޭހަވަނީ ޣައްޒާގެ ހަނގުރާމައިގެ ޚަބަރުތައް ކަވަރުކުރުމުގައި އިނގިރޭސި މީޑިއާގެ އަމަލުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމެވެ. އިޒްރޭލުގެ ވާހަކަތަކަށް އެކަނި ބުރަނުވެ، ފަލަސްތީނުގެ ފަރާތުން ވެސް މައުލޫމާތު ހޯދައި، ހަމަހަމަ ގޮތެއްގައި ޚަބަރު ގެނެސްދިނުމަށް މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ. މިއީ ނޫސްވެރިކަމުގެ ހަމަތަކާއި އުސޫލުތަކަށް އަނބުރާ ރުޖޫއަވުމުގެ ފެށުމެއް ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!