އެކްޓިވިސްޓް ގްރެޓާ ތަންބަރގް ދެކެ ޓްރަމްޕް ގަޔާ ނުވަނީ ކީއްވެ؟

މޫސުމާ ބެހޭ ވީހުގެ އަހަރުގެ އެކްޓިވިސްޓް ގްރެޓާ ތަންބަރގް އަކީ އެމެރިކާ ރައީސް ޓްރަމްޕް ގަޔާވާ އެކްޓިވިސްޓެއް ނޫނެވެ. ޓްރަމްޕްގެ މައްސަލައަކީ ޓަންބަރގްގެ މަޝްހޫރުކަން ޓްރަމްޕަށް ވުރެން އިތުރުވެފައި މަގްބޫލު ވުމެވެ. އެހެންވެ، ލިބޭ ކޮންމެ ފުރުސަތެއްގައި ޓްރަމްޕް އޭނާއަށް ފާޑު ވިދާޅުވެއެވެ.

ޣައްޒާއަށް ދިޔަ މިނިވަން ފުޅަނދު މެޑްލިންގައި ދަތުރު ކުރުމުން ޓްރަމްޕް ވިދާޅުވީ ޓަންބަރގަކީ "އާދަޔާ ހިލާފު" ކުއްޖެއް ކަމަށެވެ. ނަމަވެސް ރުޅިވެރިކަން މެނޭޖްކުރުމުގެ ތަމްރީނު އޭނާއަށް ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވެއެވެ.

ޓްރަމްޕާ މި ކަމާ ބެހޭ ގޮތުން ސުއާލު ކުރެވުނީ ޔަހޫދީ ސިފައިން މެޑްލިން ކަނޑުފޭރިގަނެގެން އޭގައި ތިބި ފަޅުވެރިންނާއި ދަތުރު ބައިވެރިން ވަގަށް ނެގުމާ ގުޅިގެން މީޑިއާއިން ސުއާލު ކުރުމުންނެވެ.

ވައިޓް ހައުސްގައި ބޭއްވި އިވެންޓެއްގައި ޓަންބަރގަށް ކޮމެންޓު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ "އޭނާ އަކީ ޒުވާނެއް، ރުޅިގަދަ ކުއްޖެއް. އަޅުގަނޑަށް ހީވަނީ ރުޅިވެރިކަން މެނޭޖް ކުރުމުގެ ކްލާހަކަށް އޭނާ ދާން ޖެހޭ ހެން" ކަމަށެވެ.

އުމުރުން 22 އަހަރުގެ ސްވިޑެންގެ އެކްޓިވިސްޓް ވަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި އިޒްރޭލު ސިފައިން އޭނާ "ރަހީނު" ކުރި ކަމަށް ބުނެ، ވީޑިއޯއެއް ބޭރުކުރުމުން ޓްރަމްޕް ވިދާޅުވީ ޓަންބަރގް ރަހީނު ކުރުމަށް ވުރެން ކުރަން މުހިންމު ކަންކަން ޔަހޫދީ ސިފައިންނަށް އޮތް ކަމަށެވެ.

އިޒްރޭލު ސަރުކާރާއި އިޒްރޭލުގެ ފޮރިން މިނިސްޓަރު ބުނަނީ، ޓަންބަރގްއާއި އޭނާގެ ބައިވެރިންނަކީ، ހަމާސްގެ މެމްބަރުން ކަމަށެވެ!

ހިއްސާ ކުރައްވާ!