ޖާސޫސް ކުރުމުގެ ފަޟީހަތެއްގައި ބެދިގެން އިޓަލީވިލާތުން ޔަހޫދީ ކުންފުންޏާ ގުޅުންކަނޑާލައިފިއެވެ. މައުލުމާތުގެ ރަސްމަގުގައި ޖާސޫސް ކުރާ ޔަހޫދީންގެ ޕެރަގަން ޖާސޫސީ ކުންފުންޏަކީ އެކި ގައުމުތަކުގައި މީޑިއާ މީހުންނާއި ސަރުކާރު މަސްއޫލުވެރިންގެ ފޯނުތަކަށް ވަޓްސްއެޕް މެދުވެރިކޮށް ޖާސޫސް ކުރާ ސޮފްޓްވެއަރ ސަޕްލައި ކުރާ ކުންފުންޏެވެ.
އިޓަލީ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީގެ ސަރުކާރަށް ތުހުމަތުކޮށްފައި ވަނީ އިޒްރޭލު ކުންފުނި މެދުވެރިކޮށް ނޫސްވެރިޔާ ފްރާންސެސްކޯ ކެންސެލާޓޯ އާއި ހިޖުރަވެރިންގެ ހައްގުގައި ވަކާލާތު ކުރާ އެކްޓިވިސްޓުން ކަމަށްވާ ލޫކާ ކަސާރީނީ އާއި ބެޕޭ ކަޗިއާ ގެ މައްޗަށް ޖާސޫސް ކުރި ކަމަށެވެ.
އިޓަލީގެ ޖާސޫސީ ހަރަކާތްތަކަށް ފާރަވެރިވާ ޕާލަމެންޓްގެ ކޮމިޓީ އިން ނެރުނު ރިޕޯޓެއްގައި ވަނީ އިޒްރޭލު ކުންފުނި ބޭނުންކޮށްގެން މިކަން ހިނގާފައިވާ ކަން ކަށަވަރުކޮށްދީފައެވެ.
މެޓާގެ ވަޓްސްއެޕް އިން މި އަހަރުގެ ޖެނުއަރީ މަހު ޔަގީން ކޮށްދީފައި ވަނީ އިޒްރޭލުގެ ޕެރަގަންގެ ސްޕައިވެއާ ސޮފްޓްވެއާ ބޭނުންކޮށްގެން ދުނިޔޭގެ އެކި ހިސާބުތަކުން 90 މީހެއްގެ ވަޓްސްއެޕަށް ޖާސޫސްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިޓަލީގެ ހަތް ޔޫޒަރުން ހިމެނެއެވެ.
އިޓަލީ ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް ފާރަވެރިވުން ދޮގުކޮށް ފައެވެ. އަދި ޖާސޫސީ އެޕް ބޭނުންކޮށްފައި ވަނީ ޓެރަރިސްޓުންނަށް ފާރަވެރިވުމަށް ބަންޑާރަ ނާއިބްގެ ހުއްދައާއެކު 2023 އާއި 2024 ވަނަ އަހަރު ގައި ކަމަށް ބުނެފައެވެ.
އިދިކޮޅު ޕާޓީތަކާއި އިޓަލީގެ ނޫސްވެރިންގެ ޖަމުއިއްޔާއިން ވަނީ އިޒްރޭލު ކުންފުނިން ޖާސޫސްކޮށްފައިވާ މައްސަލަ އިތުރަށް ފުންކޮށް ބަލައި ތަހުގީގެއް ހިންގައި ދިނުމަށެވެ.






