ރައީސް ޑޮނަލްޑް ޓްރަމްޕް ދެ ވަނަ ދައުރަށް ވެރިކަމަށް ވަޑައިގެންނެވި ފަހުން އެމެރިކާގެ ތަސައްވުރު ވަނީ ދުނިޔޭގައި ވަރަށް ބޮޑަށް ކިލަނބުވެފައި ކަމަށް ދައްކައެވެ.
ޕީއު ރިސާޗް ސެންޓަރުން ކުރި ބައިނަލްއަޤްވާމީ ސާވޭގައި ބައިވެރިވި 24 ގައުމުގެ ތެރެއިން 15 ގައުމެއްގެ ރައްޔިތުން ބުނަނީ އެމެރިކާގެ އަގުވެށްޓިފައިވާ ކަމަށް ދެކޭ ކަމަށެވެ. އަދި ޚާއްސަކޮށް ޓްރަމްޕްގެ ލީޑަޝިޕަށް އިތުބާރެއް ނެތް ކަމަށްވެސް އެމީހުން ދެކެއެވެ. މެކްސިކޯގައި 91 އިންސައްތަ މީހުން ބުނަނީ ދުނިޔޭގެ ލީޑަރަކަށް ވުމުގެ ގާބިލުކަން ޓްރަމްޕްގެ ކިބައިގައި ނެތް ކަމަށެވެ. މެކްސިކޯއާއެކު ކެނެޑާގެ ގިނަބަޔަކުވެސް މިހާރު އެމެރިކާ ދެކެނީ ނޭދެވޭ ބައިވެރިއެއްގެ ގޮތުގައެވެ.
ޔޫރަޕްގައި، ޚާއްޞަކޮށް ޕޮލެންޑާއި ސްވިޑެން އިން ވެސް އެމެރިކާއާ މެދު ނޭދެވޭ ތަސައްވުރެއް ގެންގުޅެއެވެ. ސްވިޑެންގެ 79 ޕަސެންޓް މީހުން ވަނީ އެމރިކާގެ ސިޔާސަތުތަކާ ގަޔާނުވާ ކަމަށް ބުނެފައެވެ. ޔޫކްރޭން ހަނގުރާމައާއި، ޣައްޒާގެ ހަނގުރާމައިގެ ޖަރީމާތަކާއި، އިމިގްރޭޝަން އިދާރާއިން މީހުންނާ މެދު އިހާނާތްތެރިވުމާއި، އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ޓްރަމްޕްގެ ސިޔާސަތުތަކަށް ގިނަ ބަޔަކު ނުރުހުން ފާޅު ކުރެއެވެ.
ދުނިޔޭގެ ފެންވަރުގައި 80 އިންސައްތަ މީހުން ޓްރަމްޕް ދެކެނީ ކިބުރުވެރި މީހެއްގެ ގޮތުގައެވެ. ޓްރަމްޕަކީ ތެދުވެރި މީހެއް ކަމަށް ދެކެނީ އެންމެ 28 އިންސައްތަ މީހުންނެވެ.
ޓްރަމްޕާ މެދު އެދެވޭ ތަސައްވުރެއް ގެންގުޅެނީ އިޒްރޭލާއި އިންޑިއާއާއި ނައިޖީރިޔާއާއި ކެންޔާގައެވެ.
މި ޚިޔާލު ހޯދުމަކީ، ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް 24 ގައުމެއްގައި 28،333 މީހުންނާއެކު ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމެކެވެ.






