އިޒްރޭލުން އީރާނަށް ހަމަލައެއް ދީފާނެ!

ވޮޝިންޓަން ޕޯސްޓުން މިއަދު ބުނެފައި ވަނީ މެދުއިރުމަތީގެ ހުރިހާ ހިސާބެއްގައި ހުރި އެމެރިކާގެ އެމްބަސީތަކާއި އަސްކަރީ މަރުކަޒުތައް މިހާރު ވާނީ ތައްޔާރީ ހާލަތަކަށް ގެނަސްފައިވާނެ ކަމަށެވެ. އަދި މި ވަގުތަށް އެންމެ މުނާސިބު ވެގެން ވަނީ އެމެރިކާގެ ޑިޕްލޮމެޓުންނާއި ސިފައިންގެ އާއިލާތަކުން ސަރަހައްދު ދޫކޮށް ފުރައިގެން ދިއުން ކަމަށްވެސް ބުނެފައި ވެއެވެ.

މިފިޔަވަޅަކީ އިޒްރޭލުން އީރާނަށް ހަމަލައެއް ދީފާނެތީ އަޅާ ފިޔަވަޅެއް ކަމަށް ބުނެއެވެ. އެމެރިކާ ރައީސް ވަނީ ނަތަންޔާހޫއަށް އިއްޔެ ފޯނުން ގުޅައި އީރާނާ ދެކޮޅަށް ފިޔަވަޅެއް ނޭޅުމަށް އެދިފައެވެ. ނަމަވެސް ސީބީއެސް ޓީވީން ބުނެފައި ވަނީ، އީރާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް އިޒްރޭލުން ފުރިހަމައަށް ތައްޔާރަށް އޮތްކަން އެމެރިކާގެ އޮފިޝަލުންނަށް އަންގާފައިވާނެ ކަމަށެވެ. އަދި އެކަމަށް ރައްދެއްގެ ގޮތުގައި އިރާގުގައި ހުރި އެމެރިކާގެ ސައިޓްތަކަށް އަމާޒުކޮށްގެން އީރާނުން ރައްދު ހަމަލަ ދީފާނެ ކަމަށް ވޮޝިންޓަނުން ލަފާކުރާ ކަމަށެވެ. 

އިރާގުގައި އެމެރިކާގެ މަސްލަހަތަށް ނުރައްކާތަކެއް ކުރިމަތިވާން އުޅޭކަމަށް ބުނެ އިރާގުން އެމެރިކާ މީހުން ފައިބައިގެން ދިއުމަށް އަންގާފައި ވެއެވެ. ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކުރާ ގޮތުގައި އެމރިކާ އޮތީ މެދުއިރުމަތީގައި ތައްޔާރީ ހާލަތުގައެވެ.

އީރާނުން ބުނެފައި ވަނީ އެމރިކާ ވިއަސް އަދި އިޒްރޭލު ވިއަސް އީރާންގެ މަސްލަހަތާ ދެކޮޅަށް ނުރައްކަލެއް ކޮށްފިނަމަ އެންމެ ހަރުކަށިކޮށް އެކަމަކަށް ރައްދު ދޭނެ ކަމަށެވެ.

"ހާލަތުގެ ކަންބޮޑުވުމާއެކު ސަރަހައްދުގެ ކަންކަން މޮނިޓަރ ކުރަމުން މިދަނީ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިހާރު މިއޮތީ ކުރިއަށް ވުރެން ނުރައްކާވެފައި" ޑިޕްލޮމެޓިކް މަސްދަރަކާ ޙަވާލާދީ ވޮޝިންޓަން ޕޯސްޓުން ބުނެފައި ވެއެވެ.

މި ވާހަކަތަކުގެ ފަސް މަންޒަރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ފުރަތަމަ ބަޔާނުގައި ވިދާޅުވެފައި ވަނީ އީރާނަށް ނިއުކްލިއާ ހަތިޔާރު ގެންގުޅުމަށް "އެއްގޮތަކަށް ވެސް" ފުރުސަތެއް ދެވިގެން ނުވާނެ ކަމަށެވެ.

މެދުއިރުމައްޗަށް ކަނޑައަޅާފައިޥާ އެމެރިކާގެ މަންދޫބު ސްޓީފް ވިޓްކޯފްވެސް މިއަދު ބުނެފައި ވަނީ އީރާނަށް ނިއުކްލިއަރ ހަތިޔާރު ލިބުމަކީ އިޒްރޭލު ވުޖޫދުގައި އޮތުމަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށެވެ. އަދި އޭނާ ވަނީ ނަތަންޔާހުއާ ފޯނުން ވާހަކަ ދައްކަމުން މިވާހަކަ ތަކުރާރުކޮށްފައެވެ.

ލަފާ ކުރެވޭ ގޮތުގައި އެމެރިކާއިން ދަނީ އިޒްރޭލު މެދުވެރިކޮށް އީރާނަށް އަސްކަރީ ހަމަލައެއް ދިނުމަށް ނުސީދާ ގޮތަކަށް ހިތްވަރު ދެމުންނެވެ.

ހިއްސާ ކުރައްވާ!