މަސްކު ޓްރަމްޕް ފައިބުޑަށް ވެއްޓި އާދޭސް ކުރަނީ

މީޑިއާއަށް އީލޮން މަސްކު މިހާރު ވަނީ ޖޯކަކަށް ވެފައެވެ. މިދިޔަ ހަފްތާގައި ޑޮނަލްޑް ޓްރަމްޕާ ދިމާއަށް ހުތުރުކޮށް އެއްޗެތި ކިޔުމަށްފަހު، އޭނާއަށް މާބޮޑަށް އެއްޗެތި ކިޔުނީ ކަމަށް ބުނެ މަސްކު ވަނީ ޓްރަމްޕް ގާތުން މައާފަށް އެދިފައެވެ. ޓެސްލާގެ ވެރިޔާގެ ބިރަކީ އޭނާ ޓްރަމްޕާ ޖައްސާލައިފިނަމަ، އޭނާގެ ވިޔަފާރީގެ މަސްލަހަތަށް ޓްރަމްޕް ގެއްލުން ދީފާނެތީއެވެ.

ޓްރަމްޕްގެ ރިޔާސީ ކެމްޕޭންގައި ފައިދާ ބަހައި ބޮޑު އަދަދަކުން ހޭދަ ކުރި މަސްކު ވަނީ ޓްރަމްޕް މަގާމުން އަޒުލު ކުރުމަށްވެސް ގޮވާލާފައެވެ. އަދި 3 ވަނަ ސިޔާސީ ޕާޓީއެއް އުފެއްދުމަށްވެސް ގޮވާލިއެވެ. އޭގެ އިތުރުން އެމެރިކާގެ ކަމުވޮށިގެންވާ މީހުންނަށް އަންހެނުން ހޯދައިދޭ ޖެފްރީ އެޕްސްޓައިންއާ ޓްރަމްޕާ ގުޅުން ހުރި ކަމަށް ބުނެ ފޮޓޯއާއެކު މަސްކު ސިލްސިލާ ޕޯސްޓްތަކެއް ވެސް ކުރިއެވެ.

ބުދަ ދުވަހު މަސްކް އޭނާގެ ސޯޝަލް ނެޓްވޯކް އެކްސްގައި ޕޯސްޓްކޮށްފައި ބުނެފައި ވަނީ "މިދިޔަ ހަފްތާގައި ރައީސް ޓްރަމްޕާ ބެހޭ ގޮތުން އަޅުގަނޑު ކުރި ބައެއް ޕޯސްޓްތަކާ މެދު ހިތާމަކުރަން. މާ ބޮޑަށް އެއްޗެތި ކިޔުނީ" ކަމަށެވެ.

ނިއުޔޯކު ޓައިމްސްއިން ބުނާ ގޮތުގައި މާސްކް އާންމުކޮށް މައާފަށް އެދުނީ ހޯމަ ދުވަހުގެ ރޭ ޓްރަމްޕަށް ފޯނުން ގުޅުމަށް ފަހު އެވެ. އެކަން ޓައިމްސްއަށް 3 މީހަކު ކަށަވަރު ކޮށްދިނެވެ.

ހިއްސާ ކުރައްވާ!