ޓްރަމްޕަށް ކެލިފޯނިޔާއަށް ސިފައިން ނުފޮނުވޭނެ ކަމަށް ހުކުމް ކޮށްފި

ރައީސް ޑޮނަލްޑް ޓްރަމްޕް ކެލިފޯނިއާއަށް ސިފައިން ފޮނުވަން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް އެމެރިކާގެ ފެޑެރަލް ގާޒީ ޗާލްސް ބްރޭޔަރ ހުޔކުމް ކޮށްފިއެވެ. ގާޒީގެ ހުކުމްގައި ބުނެފައި ވަނީ "ކޮންގްރެސް އިން ހޯދަން ލާޒިމުކުރާ ގާނޫނީ އިޖުރާއާތުތައް ފުރިހަމަކޮށްފައި ނުވާ" ކަމަށެވެ.

ޓްރަމްޕް ސިފައިން ފޮނުވީ ލޮސްއެންޖެލިސްގައި ހިނގަމުންދާ މުޒާހަރާތައް ކޮންޓްރޯލު ކުރާށެވެ. ގާޒީގެ ހުކުމްގައި ބުނެފައި ވަނީ ސިފައިން ރުކުރުވާލުމުގެ ބާރު އޮންނާނީ ސްޓޭޓްގެ ގަވަރުނަރުގެ އަތްމަތީގައި ކަމަށެވެ.

ރިޕަބްލިކަން ޕާޓީގެ ރައީސްއާ ފާޅުގައި ދެކޮޅުވެރި ޑިމޮކްރޭޓެއް ކަމަށްވާ ނިއުސަމް ވަނީ ގާޒީ ބްރޭޔަރގެ ހުކުމަށް މަރުހަބާ ކިޔާފައެވެ.

ނިއުސަމް ވަނީ އެ ހުކުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް  ޓްރަމްޕަކީ "ރަސްކަލެއް ނޫން ކަމަށާއި، ރަސްގެފާނެއް ފަދައިން އަމަލުކުރުން ހުއްޓާލަން ޖެހޭ" ކަމަށެވެ.

ގާޒީގެ ހުކުމަށް އަމަލު ކުރަން ފަށާނީ ހުކުރު ދުވަހުގެ މެންދުރުން ފެށިގެންނެވެ. އެއީ މާލޭގަޑިން މިރޭ މެންދަމު 12 ޖަހާއިރެވެ.

ވައިޓް ހައުސް އިން ވަނީ އެ ހުކުމް އިސްތިއުނާފު ކުރާނެކަން އިއުލާންކޮށްފަ އެވެ. އަދި ގަވަރުނަރު ބުނެފައި ވަނީ "ޑޮނަލްޑް ޓްރަމްޕްގެ ޒިންމާއިން ކެލިފޯނިޔާ މާދަމާ މެންދުރު ފަހު މިނިވަން ކުރެވޭނެ" ކަމަށެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން އެ ހުކުމް ހުއްޓުވުމަށް ބުނެފައި ވަނީ ގާޒީ ބްރޭޔަރގެ ހުކުމަކީ "ކޮމާންޑަރ އިން ޗީފްގެ ހައިސިއްޔަތުން ރައީސްގެ ދުސްތޫރީ ބާރަށް އާދަޔާ ހިލާފަށް ތަދައްޚުލުވުމެއް" ކަމަށެވެ.

ހިއްސާ ކުރައްވާ!