ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ސެކްރެޓަރީ އޮފް ސްޓޭޓް އަދި ސީއައިއޭގެ ޑިރެކްޓަރު ކަން ކޮށްފައިވާ މައިކް ޕޮމްޕެއޯ ވަނީ ވަކީލެއްގެ ގޮތުގައި ޓޮރިޑަން ލޯ ފާރމްއާ ގުޅިފައެވެ. މި ކުންފުންޏަކީ ހަކަތައިގެ ދާއިރާއާއި، ޑިފެންސް، އެންޓިޓްރަސްޓް، އަދި ބައިނަލްއަގްވާމީ ކަންކަމުގެ އުދަގޫ މައްސަލަތަކުގައި އިސްތިޝާރީ ލަފާދޭ ނުފޫގަދަ ކުންފުންޏެކެވެ.
މި ކުންފުނި އުފެއްދީ ކުރީގެ އެޓާނީ ޖެނެރަލް ބިލް ބާ އާއި ވައިޓް ހައުސްގެ ކުރީގެ ވަކީލު ޕެޓް ސިޕޮލޯން އެވެ. ޓޮރިޑަން ގްރޫޕަކީ ގާނޫނީ، ރެގިއުލޭޓަރީ އަދި ސްޓްރެޓެޖިކް ގޮންޖެހުންތަކާ ކުރިމަތިލުމުގެ ތަޖުރިބާއަށް މިހާރު ބޮޑު ޑިމާންޑެއް އޮންނަ ގްރޫޕެކެވެ. އުމުރުން 61 އަހަރުގެ ޕޮމްޕިއޯ އެ ކުންފުންޏާ ގުޅުމުން ކުންފުނީގެ ގާބިލްކަން އިތުރުވެ ގައުމީ ސަލާމަތާއި ޑިޕްލޮމެސީ އަދި ވިޔަފާރީގެ ލީޑަޝިޕްގެ ދާއިރާއިން އޭނާގެ ފުޅާ ތަޖުރިބާ ހިއްސާ ކުރާނެއެވެ.
ވެސްޓް ޕޮއިންޓުން ޑިގްރީ ހާސިލްކޮށްފައިވާ އަދި ހާވާޑް ލޯ ގައި ކިޔަވާފައިވާ ޕޮމްޕެއޯ ޓޮރިޑަންގައި އޭނާގެ ކްލާސްމޭޓް ޑޭވިޑް އާބަން އާއި ގުޅޭނެއެވެ.
ޓްރަމްޕްގެ ވެރިކަމުގައި މަތީ މަގާމުތަކެއް އަދާކުރެއްވުމުގެ ކުރިން ޕޮމްޕެއޯ ވަނީ ކެންސަސްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި (2011-2017) މަސަްކަތް ކޮށްފައެވެ. އަދި ވިޗިޓާގައި އުފެއްދުންތެރިކަމުގެ ދެ ވިޔަފާރިއެއް ކަމަށްވާ އެއާސްޕޭސް އަދި ތެލުގެ ވިޔަފާރިއެއްގައި ދިހަ އަހަރު ވަންދެން އިސް ދައުރެއް އަދާކޮށްފައެވެ.
ޓޮރިޑަންގެ އިއުލާނުގައި ޕޮމްޕެއޯގެ ޑިޕްލޮމެޓިކް ކާމިޔާބީތަކަށް އަލިއަޅުވާލާފައިވާއިރު، ސެކްރެޓަރީ އޮފް ސްޓޭޓްގެ ހައިސިއްޔަތުން އިންޑިއާ، ޖަޕާން، އޮސްޓްރޭލިއާ އަދި ދެކުނު ކޮރެއާ ފަދަ މުހިންމު ބައިވެރިންނާ އެކު އައު ގުޅުންތައް އުފެއްދުމުގައި އޭނާ ކާމިޔާބުވި ކަމަށް ބުނެފައި ވެއެވެ. އަދި "އެމެރިކާއަކީ ހަކަތަ އެކްސްޕޯޓަރަކަށް ބޮޑު ގައުމަކަށް ހެދުމަށާއި މެދުއިރުމަތީގައި ބާރަކަށް ހެދުމަށް އެހީތެރިވެދެއްވި" ކަން ފާހަގަކފައިވެ އެވެ.






