އިޒްރޭލުގެ ހާރެޓްސް ނޫހުގައި އިޒްރޭލުގެ މުހައްލިލު އަމީރު ޓިބޮން ބުނަނީ، ޔަހޫދީން އީރާނާ ދެކޮޅަށް ދީފައިވާ ހަމަލާއިން ކުރިއަށް އޮތް ތާނގައި ކަންކަން ހިނގާނެ ގޮތާ މެދު މައިގަނޑު 3 ސުއާލެއް އުފެދޭ ކަމަށެވެ. އަދި ސަރަހައްދުގެ ކަންކަން ކުރިމަގުގައި ތަރުތީބު ވެގެންދާނީ މިތިން ކަމުގެ މައްޗަށް ކަމަށް އޭނާ ބުނެއެވެ.
ފުރަތަމަ ކަމަކީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް އިޒްރޭލުން ދީފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ހެއްޔެވެ؟
ޓިބޮން ބުނަނީ، އީރާނުގެ ގިނަ އދަދެއްގެ އަސްކަރީ ލީޑަރުން ޝަހީދުކޮށްލުމުގައި އިޒްރޭލުން ކާމިޔާބު ވެފައިވާ ކަމަށެވެ. މިމީހުންނަކީ އީރާން އިރާގް ހަނގުރާމައިގައި ބައިވެރިވެފައިވާ އަބަދުވެސް ކުރީ ސަފުގައި ފެންނަ ލީޑަރުންނެވެ. އެހެންވެ އެމީހުންނަށް އެފަދަ ހަމަލައަކަށް އިންތިޒާރު ކުރުން އާދަޔާ ޚިލާފު ކަމަކަށް ނުވާނެއެވެ. އޭގެ އިތުރުން އިޒްރޭލުން އީރާނުގެ ވައިގެ ދިފާއީ ނިޒާމުތައް ނައްތާލި ނަމަވެސް ނިއުކްލިއާ ފެސިލިޓީތަކަށް ދީފައިޥާ ގެއްލުމުގެ މިންވަރު ސާފެއް ނޫނެވެ. އިޒްރޭލުން ވަނީ ނަޓާންޒް ނިއުކްލިއާ ފެސިލިޓީއަށް ހަމަލަ ދީފައެވެ. އެއިން ދިމާވެފައިޥާ ގެއްލުމުގެ މިންވަރުވެސް ސާފެއް ނުވެއެވެ. އަދި ބިމުގެ އަޑީގައި ބިން ގަރާސްހަދައި ރައްކާކޮށްފައި ހުރި ކިއްލާއެއްފަދަ ފޯޑޯ ފެސިލިޓީ އަށް އިޒްރޭލުން ހަމަލާ ދިނެވެ. އެކަންވެސް ސާފެއް ނުވެއެވެ.
ލިޔުންތެރިޔާ ބުނި ގޮތުގައި، އީރާނުގެ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ނައްތާލުމަށް އިޒްރޭލުން ނިޔަތް ގަނެފައިވާތީ އިޒްރޭލުން ހަމަލަ ދިނުން ކުރިއަށް ގެންދާނެ ކަމަށް އިޒްރޭލުން ލިބެން ހުރި މައުލޫމާތުން ދައްކާ ކަމަށެވެ.
އީރާނުން ރައްދު ދޭނީ ކިހިނެއް ހެއްޔެވެ؟
މި ލިޔުންތެރިޔާ ސުއާލު ކުރަނީ އީރާނުން ކިހިނެއް އަދި ކިހާ ވަރެއްގެ ރައްދެއް އިޒްރޭލަށް ދޭނެ ތޯއެވެ. އީރާނުން ވަނީ މިހާތަނަށް އިޒްރޭލާ ދިމާއަށް ގާތްގަނޑަކަށް 100 ހަމަލާއަށް ޑްރޯން ފޮނުވާފައެވެ. އެއިން ބައެއް ޑްރޯންތައް ސައުދީ މަތިންނއި ސޫރިޔާ މަތިންނާއި ޖޯޑަން މަތިން ވަނީ ވައްޓާލާފައެވެ. އިޒްރޭލު އަވަށްޓެރި އަރަބިންވެސް ތިބީ އިޒްރޭލަށް އައްޑަނައެއްގެ ގޮތުގައެވެ. އިޒްރޭލުގެ ދިފާއުގައި ފަރުވާ ކުޑަކޮށްގެން އެފަރާތްތަކުން އެމެރިކާ ނުރުހެން ބޭނުމެއް ނުވާނެއެވެ.
ޓިބޮން އިތުރަށް ބުނަނީ، އިޒްރޭލުގެ ގިނަ ތަހުލީލު ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި އީރާނުން އިޒްރޭލަށް ދޭ ހަމަލައަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށެވެ. ޚާއްސަކޮށް މި ހަމަލާތައް އަމާޒުކޮށްފައިވަނީ އެގައުމުގެ އިސް ލީޑަރުންނަށް ކަމަށް ވާތީ ރައްޔިތުންގެ ސަޕޯޓު އެކަމަށް ދެމިއޮންނާނެ ކަމަށް އިޒްރޭލުން ދެކެއެވެ.
އެމެރިކާގެ ދައުރަކީ ކޮބައި ހެއްޔެވެ؟
ތިން ވަނަ ކަމަށް ޓިބޮން ބުނަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކޮށްފައި ވަނީ އޮޅުވާލުމަށް ކަމަށެވެ. އެއީ އީރާނުންވެސް ދެކޭ ގޮތެވެ. ޓްރަމްޕް ވަނީ މަޝްވަރާގެ ދަޅަ ދައްކައިގެން އީރާނާ އެއް މޭޒެއްގައި އިނދެފައި އަނެއް ކޮޅުން އީރާނާއި އިންޓަރނޭޝަނަލް އެނެޖީ އެޖެންސީ މެދުވެރިކޮށް އީރާނަށް ފިއްތައި ހަމަލައަށް ފަހިކޮށް ދީފައެވެ.
ޓްރަމްޕް ކަން ކުރި ގޮތުން މިއަދު އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ ތެހެރާންގައި އެމެރިކާގެ މަސްލަހަތު ބަލަހައްޓާ ސުއިޒަރލެންޑް އެމްބެސެޑަރު އިހުތިޖާޖަށް ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފައެވެ.
ޣައްޒާގެ ހާލަތާއި އިޒްރޭލުގެ ގައިދީންގެ ހާލަތު
ޓިބޮން ބުނަނީ އިޒްރޭލުން ދެކެނީ މި ހަމަލަ ދިނުމުން ހަމާސްއަށް އީރާނުން ދޭ ތާއީދު ހީނަރުވެ ހަމާސް ބަލިކަށި ކުރެވިދާނެ ކަމަށެވެ. އެހެންނަމަވެސް އޭނާ ދެކެނީ އެއީ ބިލާހެއް ކަމަށެވެ.
ޓިބޮން ދެކެނީ މި ހަމަލައަށް ފަހު ހަމާސްގެ ސަޕޯޓު އިތުރުވެ ހަމާސް ވަރުގަދަ ވެގެން ދާނެ ކަމަށެވެ. އަދި އެމެރިކާގެ ސުލްހައިގެ މަސައްކަތަށާއި އެމެރިކާގެ މަންދޫބު ސްޓީފް ވިޓްކޯފަށް ކުރާ އިތުބާރު ގެއްލިގެން ދާނެ ކަމަށެވެ. އަދި ހަމައެއާއެކު ގައިދީން ސޫކޮށްލުންވެސް ލަސްވެގެން ދާނެ ކަމަށެވެ.
ހާރެޓްސް ގައި ޔަހޫދީ މުހައްލިލު ބުނަނީ ކުރިމަގުގައި މިތިން ކަމަކީ މެދުއިރުމަތީގެ ކުރިއަށް އޮތް ދުވަސްތައް ވިލަރެސްކޮށްދޭނެ ތިން ކަން ކަމަށެވެ. މަސްދަރު: ހާރެޓްޒް





