އެމެރިކާގެ އަސްލު ވަޒަންވެރިންގެ ނަސްލު ސާފުކޮށްލި އެމެރިކާގެ ލަޝްކަރު އުފެއްދިތާ 250 އަހަރު ފުރުން ޓްރަމްޕްގެ އުފަން ދުވަހާ ދިމާކޮށް ފާހަގަ ކޮށްފިއެވެ. ޓްރަމްޕް ވަނީ އޭނާގެ ގައްޑާކަން ދެއްކުމަށް ވޮޝިންޓަންގައި އަސްކަރީ ޕެރޭޑެއް ބާއްވާފައެވެ. ފާޑު ކިޔާ މީހުން ބުނެފައި ވަނީ ރަސްކަލަކަށް ހެދެން ޓްރަމްޕް އުޅެން ބޭނުން ވަނީ ކަމަށެވެ.
ޒަޔަނިސްޓު އިޒްރޭލު ގިއްގަޅުވާލުމަށް އީރާނުން ދެމުންދާ ހަމަލަތަކަށް ޓްރަމްޕްގެ ތަގްރީރުގައި އިޝާރާތް ކުރާ ކަށެއް ނުކެރުނެވެ. ނަމަވެސް އެމެރިކާ ސިފައިންނަށް ހަމަލައެއް ދީފިނަމަ އެފަރާތަކާ މެދު ރައްދު ފިޔަވަޅު އަޅާނެ ކަމަށް ނުސީދާކޮށް އޭނާ ބުންޏެވެ.
ޓްރަމްޕް މިއިންޒާރު އަމާޒުކޮށްފައި ވަނީ އީރާނަށެވެ. އީރާނަކީ ނަސްލު ސާފުކޮށްގެން ބައެއްގެ ބިން ގަދަ ބާރުން ހިންފައިގެން އިންދާފައިވާ ދައުލަތެއް ނޫނެވެ. އެއީ:
އީރާނަކީ 5 ހާސް އަހަރުވެފައިވާ ހަޟާރާއެކެވެ.
އެމެރިކާއަކީ އެފަސްގަނޑުގެ އަސްލު ވަޒންވެރިންގެ ނަސްލު ސާފުކޮށްލުމަށްފަހު ވުޖޫދަށް އައި 248 އަހަރު ވެފައިވާ ދައުލަތެކެވެ. މިއަދު އެމެރިކާއިން ފާހަގަ ކުރަނީ ނަސްލު ސާފުކޮށް ހަނގުރާމައިގެ ޖަރީމާތައް ހިންގި ލަޝްކަރުގެ 250 ވަނަ އަހަރީ ދުވަހެވެ.
އަނެއްކޮޅުން އީރާނުން ގިއްގަޅުވާލާފައިވާ ޔަހޫދީންގެ ދައުލަތަކީ ގަދަ ބާރުން ފަލަސްޠީނުގެ ބިންތައް ހިފައިގެން ހަނގުރާމައިގެ ޖަރީމާތައް ހިންގައިގެން އުފައްދާފައިޥާ 77 އަހަރު ވެފައިވާ ޓެރަރިސްޓް ނިޒާމެކެވެ.
އެމެރިކާއަކީ، މެދުއިރުމަތީގެ ސުންނީ މުސްލިމު ހުރިހައި ގައުމެއްގައި ހެން އެކެއް ނުވަތަ އެއަށް ވުރެން ގިނަ އަސްކަރީ މަރުކަޒުތައް ހަދައިގެން މުޅި ސަރަހައްދު ބަނޑުދަށުލައިގެން އުޅޭ ގައުމެކެވެ. އީރާނުން ސާބިތު ކަމާއެކު ބުނެފައި ވަނީ އީރާނަށް ގޯނާ ކޮށްފިނަމަ އެ ތަންތަނަށް ހަމަލަ ދޭނެ ކަމަށެވެ.
އެންމެފަހުން ރޭ، އީރާންގެ ރައިސާ ވާހަކަ ދައްކަވަމުން ސައޫދީ ވަލީ ޢަހުދުވެސް ވިދާޅުވެފައި ވަނީ އިޒްރޭލުގެ އުދުވާނާ ދެކޮޅަށް އީރާނަށް ސައޫދީންވެސް ތާއީދު ކުރާނެ ކަމަށެވެ. މެދުއިރުމަތީގެ ހާލަތު އެމެރިކާ ބަލަހައްޓައިގެން ހުއްޓާ އެސާހިތަކުން ބަދަލު ވެދާނެ އެވެ.





