ޕާކިސްތާންގެ އެކައުންޓްތައް ފެންނަ ގޮތް ހަދައިފި

ޕަހަލްގަމްގެ ހަމަލައާ ގުޅިގެން އިންޑިއާއިން ޕާކިސްތާންގެ  14،000 އެކައުންޓް މަނާ ކުރިއެވެ.  އެއިރުވެސް ބުނެފައި ވަނީ އެ އެކައުންޓްތައް މަނާ ކުރުން ރިވިއުކުރާނެ ކަމަށާއި އެއީ ދާއިމީ ކަމެއް ނޫން ކަމަށެވެ. އިންޑިއާއާ ދެކޮޅަށް ގޯސް މައުލޫމާތާއި ނޭދެވޭ ކޮންޓެންޓް ފެތުރުމުގެ ކުށުގައި ބްލޮކްކޮށްފައިވާ ހަމް ޓީވީ، އާރީ ޗެނަލްއާއި ޖިއޯ ނިއުސް ފަދަ ޕާކިސްތާނުގެ މީޑިއާތަކުގެ ޔޫޓިއުބް ޗެނަލްތައްވެސް އިންޑިއާގެ ބެލުންތެރިންނަށް ފެންނަ ގޮތް ވަނީ ހަދާފައެވެ.

ޕަހަލްގަމް ޓެރަރިސްޓް ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އޮޕަރޭޝަން ސިންދޫރަށް ފަހު އިންޑިއާގައި މަނާކުރި ޕާކިސްތާނުގެ ނިއުސް ޗެނަލްތަކާއި މަޝްހޫރު ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް އަލުން ފެންނަ ގޮތް ހަދައިފިއެވެ.

އިންޑިއާ ސަރުކާރުގެ މަސްދަރުތަކުން ބުނާ ގޮތުގައި ދާދި ފަހުން ކުރި ރިވިއުއަކުން ދައްކާ ގޮތުގައި ހާނިއާ އާމިރުއާއި ސާބާ ގަމަރު، އަދި މައުރާ ހުކާން ފަދަ މަޝްހޫރު ފަރާތްތަކުގެ އެކައުންޓްތަކުން ވަނި އިންޑިއާއާ ދެކޮޅު ކޮންޓެންޓް ޕޯސްޓް ކުރުން ހުއްޓާލާފައެވެ.

އިންޑިއާއިން މަނާކުރި ޕާކިސްތާންގެ ޗެނަލްތަކުގެ ސަބްސްކްރައިބަރުންގެ އަދަދު އިންޑިއާގައި އުޅުނީ 63 މިލިއަންގައެވެ. އަދި މަނާކުރުމާ ގުޅިގެން އިންޑިއާގައި މީހުން މި ޗެނަލްތަކަށް ވަދެފައި ވަނީ ވީޕީއެން މެދުވެރިކޮށެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ މި ހަމަނުޖެހުމުގެ ތެރޭގައި "ސަރްދާރު ޖީ 3″ ފިލްމު ގައި ޕާކިސްތާންގެ ފިލްމީ ތަރި ހާނިއާ އާމިރުގެ ރޯލާ މެދުވެސް ގިނަ ބަޔަކު މައްސަލަ ޖެއްސިއެވެ.

ޕަހަލްގަމް ހަމަލައާ ގުޅިގެން އިންޑިއާގެ އޯލް އިންޑިއާ ސިނަމާ ވޯކަރސް އެސޯސިއޭޝަނުން ވަނީ ޕާކިސްތާނުގެ ކޮންޓެންޓް މުޅިން މަނާކުރުމަށް އިލްތިމާސްކޮށްފައެވެ.

ހިއްސާ ކުރައްވާ!