އިންޑިއާގެ ފުރަތަމަ ސުޕަސްޓާ އަދި މުހިންމު ފިލްމީ ޝަޚްޞިއްޔަތެއް ކަމުގައިވާ ރާޖޭޝް ކަންނާ މަރުވި އިރު އޭނާގެ ގޭގައި ނުހުޅުވައި ހުރި 64 ފޮށި ހުރިކަމަށް އޭނާއާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެއްގައި ބުނެފިއެވެ. ގައުތަމް ޗިންޓަމަނީގެ "ޑާކް ސްޓާ: ދަ ލޯންލިނެސް އޮފް ބީންގް ރާޖޭޝް ކަންނާ" އަކީ އިންޑިއާގެ ފުރަތަމަ ސުޕަރުސްޓާރުގެ ފަހުގެ ދުވަސްތައް އެކަނިވެރިކަމުގައި ހޭދަކުރި ގޮތް ކިޔައިދޭ ފޮތެކެވެ.
މި ފޮތުގައި ކިޔައިދީފައިވާ ގޮތުގައި، ކަންނާއަކީ ފިލްމީ ދުނިޔޭގައި އެތައް ކާމިޔާބީތަކެއް ހޯދި މީހެއް ކަމުގައިވި ނަމަވެސް، އަމިއްލަ ދިރިއުޅުމުގައި ވަރަށް ސިއްރުވެރި ގޮތްތަކެއް ގެންގުޅުނު ޝަޚްޞިއްޔަތެކެވެ. އޭނާގެ ރަންޒަމާނުގައި އޭނާ އުޅުނީ ބާދްޝާހެއް ހެންނެވެ.
ފޮތުގައި ކިޔައިދީފައިވާ ގޮތުގައި، ކަންނާ ބޭރު ޤައުމުތަކަށް ކުރާ ދަތުރުތަކުގައި އުޅުނީ ނިކަން ޚަރަދު ބޮޑު ކޮށެވެ. އޭނާގެ މަތިވެރި ޝަޚްޞިއްޔަތާ އެއްގޮތަށް، ކަންނާ ދަންނަ މީހުންނާއި ރައްޓެހިންނަށް އަބަދުވެސް ހަދިޔާ ގަންނަން ޝައުގުވެރިވިއެވެ. ނަމަވެސް ދަތުރު ނިމޭފަހުން އެ ހަދިޔާތައް ހަވާލު ކުރާކަށް ހަނދާނެއް ނުހުރެއެވެ!
ޗިންތަމަނީގެ "ޑާކް ސްޓާ" ގައި ފާހަގަކޮށްފައިވާ ގޮތުގައި، 2012 ވަނަ އަހަރު ކަންނާ މަރުވުމަށް ފަހު، އޭނާގެގެ، އާޝިރުވާދުގައި 64 ސޫޓްކޭސް ފެނުނެވެ. އެ ސޫޓުކޭސްތަކުގައި ހުރީ ބޭރު ގައުމުތަކުން އޭނާ ގަނެފައިވާ ހަދިޔާތަކެވެ. ނަމަވެސް އެއިން އެއްޗެއް ހަވާލު ކުރާކަށް އޭނާ ހަނދާނެއް ނެތެވެ!
ރާޖޭޝް ކަންނާ މަރުވީ ދިގު މުއްދަތަކަށް ބަލިހާލުގައި އުޅުމަށްފަހު 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު މުމްބާއީގައެވެ. އޭނާ މަރުވިއިރު، އަންހެނުން ޑިމްޕްލް ކަޕާޑިއާ އާއި ދެ އަންހެން ކުދިން ކަމުގައިވާ ޓްވިންކަލް އާއި ރިންކޭ ކަންނާ ދިރި ތިއްބެވެ.