# ބަންގްލަދޭޝްގެ 2024 ގެ ސިޔާސީ ނުތަނަވަސްކަމުގެ ފަހަތުގައި ޕާކިސްތާނުގެ އިންޓެލިޖެންސްގެ އަތެއްވާ ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ތުހުމަތުކުރައްވައިފި
ބަންގްލަދޭޝްގައި 2024 ވަނަ އަހަރު ހިންގި ސިޔާސީ ބަދަލާއި ސަރުކާރު ވައްޓާލުމުގެ ހަރަކާތްތަކުގެ ފަހަތުގައި ޕާކިސްތާނުގެ ސިއްރު ފުލުހުންގެ އިދާރާ، އިންޓަރ-ސާވިސަސް އިންޓެލިޖެންސް (އައިއެސްއައި) ގެ އަތެއްވާ ކަމަށް އެ ގައުމުގެ ކުރީގެ ޚާރިޖީ ވަޒީރު އަދި އަވާމީ ލީގުގެ ޖޮއިންޓް ޖެނެރަލް ސެކްރެޓަރީ މުހައްމަދު ހަސަން މަހްމޫދު ތުހުމަތުކުރައްވައިފި އެވެ.
ބަންގްލަދޭޝްގެ މިހާރުގެ ސިޔާސީ މަސްރަހާ ބެހޭގޮތުން ވާހަކަދައްކަވަމުން ހަސަން މަހްމޫދު ވިދާޅުވީ، 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ހިންގި ސިޔާސީ ހުޅުޖެހުންތަކަށްފަހު އުފެދުނު ވަގުތީ ސަރުކާރާއި މިހާރުގެ ސަރުކާރުންވެސް ފެންނަނީ ޕާކިސްތާނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަމުންދާ މަންޒަރު ކަމަށެވެ. އެގޮތުން 2024 އޮގަސްޓް 5 ގައި ހިންގި ހާދިސާތަކުގެ ފަހަތުގައި ޕާކިސްތާނުގެ އިންޓެލިޖެންސްގެ ނުފޫޒު އޮތްކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށާއި، ސިޔާސީ ވާދަވެރިންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލުތަކާ އައިއެސްއައިއާ ގުޅުންހުރި ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
މަހްމޫދު ވަނީ ބަންގްލަދޭޝްގެ ސިޔާސީ މިސްރާބާ މެދު "ގައުމީ ފެންވަރުގައި އަލުން ވިސްނައި" އިސްލާހީ ފިޔަވަޅުތަކެއްެ އެޅުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ނަފުރަތާއި، ދެކޮޅުވެރިވުމާއި، އަދި ކުރިމަތިލުންތަކުގެ ސިޔާސަތު އިތުރަށް ކުރިއަށް ނުގެންގޮސް ނިންމުމަކަށް ގެންނަންޖެހެ އެވެ. އަދި އަވާމީ ލީގުގެ ސިޔާސީ ހަރަކާތްތަކަށް އަޅާފައިވާ މަނާކުރުންތައް އުވާލައި، އެ ޕާޓީގެ އިސްވެރިންނާއި، މުވައްޒަފުންނާއި އަދި ސަޕޯޓަރުންނާ ދެކޮޅަށް ހިންގާ ފިއްތުންތައް ހުއްޓާލުމަށް އޭނާ ގޮވާލެއްވި އެވެ. "ގައުމީ ފެންވަރުގައި ސިޔާސީ ސުލްހަވެރިކަމެއް އުފައްދަންޖެހޭ،" މަހްމޫދު ވިދާޅުވި އެވެ.
މީގެއިތުރުން ބަންގްލަދޭޝްގައި އިންސާނީ ހައްގުތަކުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅި، ދީނީ މަައިނޯރިޓީތަކަށް ބޮޑެތި އަނިޔާތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މަހްމޫދު ފާހަގަކުރެއްވި ގޮތުގައި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ހިންދޫންނާއި، ކްރިސްޓިއަނުންނާއި އަދި ބުޑިސްޓުންނަށް އަމާޒުކޮށް ހަމަލާ ތައް ދީފައިވެއެވެ.
އަދި ސިޔާސީ ވާދަވެރިންގެ ތެރެއިން ބައި މިލިއަނަށްވުރެ ގިނަ މީހުން، ހާއްސަކޮށް އަވާމީ ލީގުގެ ސަޕޯޓަރުންނާއި މުވައްޒަފުން ހައްޔަރުކޮށްފައިވާ ކަމަށް މަހްމޫދު ވިދާޅުވި އެވެ. މިހާރުވެސް 120،000 އަށްވުރެ ގިނަ މީހުން ބަންދުގައި ތިބިއިރު، އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމާއި، އިހުމާލުވުމާއި އަދި އަނިޔާކުރުމުގެ ސަބަބުން އަވާމީ ލީގުގެ 200 އަށްވުރެ ގިނަ ސަޕޯޓަރުން ބަންދުގައި ތިއްބާ މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.



