ބްރެޒިލްގެ ލިބަރަލް ޕާޓީ (ޕީއެލް) ގެ ރިޔާސީ ކެންޑިޑޭޓް އަދި ސެނެޓަރު ފްލާވިއޯ ބޮލްސޮނާރޯ ވަނީ އެ ގައުމުގެ ކުރީގެ ރައީސް ޖާއިރް ބޮލްސޮނާރޯ 2018 އަދި 2022 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހޯއްދެވި ވޯޓަށްވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ.
"ބްރެޒިލް 247″ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފްލާވިއޯ ބޮލްސޮނާރޯ ވަނީ އޭނާގެ ބައްޕަ 2018 ގައި ހޯއްދެވި ވޯޓަށްވުރެ 6.8 މިލިއަން އިތުރު ވޯޓު އަދި 2022 ގެ އިންތިޚާބުގައި ހޯއްދެވި މިންވަރަށްވުރެ 5 މިލިއަން އިތުރު ވޯޓު ހޯއްދަވާފައެވެ.
ފްލާވިއޯއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިވަޑައިގަތީ ބްރެޒިލްގެ އިރުއުތުރު ސަރަހައްދުތަކުންނެވެ. އެއީ މިހާރުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާގެ ވާކާސް ޕާޓީ (ޕީޓީ) ގެ ބާރު ބޮޑު ސަރަހައްދުތަކެކެވެ. އެ ސަރަހައްދުން ލޫލާއަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދު ކުރީގެ އިންތިޚާބާ އެއްވަރެއްގައި ހުރިނަމަވެސް، ފްލާވިއޯ ވަނީ ޕީޓީގެ ބާރު އޮންނަ ސެއާރާ ފަދަ ސްޓޭޓްތަކުގައި ދެ ކެންޑިޑޭޓުންގެ މެދުގައި އޮތް ފަރަގު ވަރަށް ބޮޑަށް ކުޑަކުރައްވާފައެވެ.
ސެއާރާ ސްޓޭޓުގައި ސައްހަ ވޯޓުގެ 63.22 އިންސައްތައާއެކު ލޫލާ ކުރީގައި އުޅުއްވި ނަމަވެސް، ކުރީ އިންތިޚާބާ އަޅާބަލާއިރު އޭނާއަށް ވަނީ 45،000 އަށްވުރެ ގިނަ ވޯޓު ގެއްލިފައެވެ. އަނެއްކޮޅުން ފްލާވިއޯ ވަނީ 31.32 އިންސައްތަ ވޯޓު ހޯއްދަވައި، އެ ސްޓޭޓުން ބޮލްސޮނާރޯ އާއިލާއަށް ކުރިން ލިބުނު މިންވަރަށްވުރެ ގާތްގަނޑަކަށް 370،000 އިތުރު ވޯޓު ހޯއްދަވާފައެވެ. 2022 ގައި ޖާއިރް ބޮލްސޮނާރޯއަށް އެ ސްޓޭޓުން ލިބިވަޑައިގަތީ 1.3 މިލިއަން ވޯޓެވެ.
ޕިއައުއީ ސްޓޭޓުގައިވެސް ފެނިގެންދިޔައީ މިއާ އެއްގޮތް ނަތީޖާއެކެވެ. 2022 ގައި ލޫލާ އެންމެ ބޮޑު ތަފާތަކުން ޖާއިރް ބޮލްސޮނާރޯ ބަލިކުރެއްވި މި ސްޓޭޓުން، ލޫލާއަށް އަނެއްކާވެސް 1.5 މިލިއަން ވޯޓު ލިބިވަޑައިގެންނެވިއިރު، ފްލާވިއޯ ވަނީ 500،000 އަށްވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ. އަދި ބާހިއާ ސްޓޭޓުން ފްލާވިއޯ 2.5 މިލިއަން ވޯޓު ހޯއްދެވިއިރު، 2022 އާ އަޅާބަލާއިރު ލޫލާއަށް އެ ސްޓޭޓުން ލިބުނު ވޯޓުގެ އަދަދު ވަނީ 200،000 އިން ދަށްވެފައެވެ.
ދެކުނުއިރުމަތީ ސަރަހައްދުތަކުގައި، ހާއްސަކޮށް ސައޯ ޕާއުލޯގައި ގަވަރުނަރު ތާސީސިއޯ ދެ ފްރެއިޓާސްގެ ތާއީދާއެކު ފްލާވިއޯ ވަނީ އޭނާގެ ބައްޕައަށް ކުރިން ލިބުނު މިންވަރަށްވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ. އެއާއެކު އެ ސްޓޭޓުން ލޫލާއަށް ވަނީ ގާތްގަނޑަކަށް 1 މިލިއަން ވޯޓު ގެއްލިފައެވެ. ރިއޯ ޑި ޖަނޭރޯއިން ފްލާވިއޯއަށް، ކުރީގެ އިންތިޚާބުގައި ބައްޕައަށް ލިބުނު މިންވަރަށްވުރެ 135،000 އިތުރު ވޯޓު ލިބިވަޑައިގަތެވެ. އަދި އެ ސްޓޭޓުގެ ސެނެޓް ގޮނޑިތަކުގެ އިންތިޚާބުގައިވެސް ބޮލްސޮނާރޯއަށް ތާއީދުކުރައްވާ ކާލޯސް ޕޯޓީނިއޯ އާއި ކާލޯސް ޖޯޑީ ވަނީ ޕީޓީގެ ކެންޑިޑޭޓް ބެނެޑީޓާ ޑަ ސިލްވާ ބަލިކުރައްވާފައެވެ.
މިނާސް ޖެރާއިސް ސްޓޭޓުގެ ސިޔާސީ މަސްރަހު ވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. 2022 ގައި ލޫލާ ވަނީ 600،000 ވޯޓުގެ ތަފާތަކުން އެ ސްޓޭޓުން ޖާއިރް ބޮލްސޮނާރޯ ބަލިކުރައްވާފައެވެ. ނަމަވެސް މިފަހަރުގެ އިންތިޚާބުގައި އެއާ އެއްވަރުގެ ބޮޑު ތަފާތަކުން އެ ސްޓޭޓް ކާމިޔާބުކުރެއްވީ ފްލާވިއޯއެވެ.
ބްރެޒިލްގެ ދެކުނުގެ ސަރަހައްދުތަކުގައި، އާންމުކޮށް ޖާއިރް ބޮލްސޮނާރޯއަށް ތާއީދުކުރާ ސްޓޭޓްތަކުން މިފަހަރުވެސް ވަނީ އޭނާގެ ދަރިކަލުންނަށް ބޮޑު ތާއީދެއް ދީފައެވެ. ރިއޯ ގްރާންޑޭ ޑޮ ސުލް އިން ފްލާވިއޯއަށް ބޮޑު ކުރިއެރުމެއް ލިބިވަޑައިގެންނެވިއިރު، ސަންތާ ކަތަރީނާ ސްޓޭޓުން ވަނީ 2022 ގައި ޖާއިރް ބޮލްސޮނާރޯއަށް ލިބުނު މިންވަރަށްވުރެ 300،000 އިތުރު ވޯޓު ފްލާވިއޯއަށް ދީފައެވެ.
ފްލާވިއޯއަށް ވޯޓު މަދުވީ ހަމައެކަނި ފެޑެރަލް ޑިސްޓްރިކްޓުންނެވެ. އެ ސަރަހައްދުން އޭނާއަށް ބައްޕައަށްވުރެ 1،000 އަށްވުރެ މަދުން ވޯޓު ލިބިވަޑައިގެންނެވިއިރު، ލޫލާ ވަނީ އެ ސަރަހައްދުން 30،000 ވަރަކަށް ވޯޓު އިތުރުކުރައްވާފައެވެ.






