ސައިބީރިއާގެ އެންޓި-ޕްލޭގް އިންސްޓިޓިއުޓެއްގައި މަސައްކަތްކުރާ ލެބޯޓްރީ މުވައްޒަފަކު މަރުވީ ޕްލޭގް ބަލި ޖެހިގެން ކަމަށް ދެކެވޭ ވާހަކަތައް ރަޝިޔާ ގެ ސިއްހީ އިދާރާތަކުން ދޮގުކޮށްފި އެވެ. ސަރުކާރުން މިކަން ދޮގުކުރި ނަމަވެސް، އިރްކުުޓްސްކް ސަރަހައްދުގެ އެތައް ހޮސްޕިޓަލެއް ކަރަންޓީނުކޮށް، އިންސްޓިޓިއުޓްގެ 60 އަށްވުރެ ގިނަ މުވައްޒަފުން ވަނީ އެކަހެރިކޮށްފައެވެ.
ރަޝިޔާ ގެ ސިއްހީ ކަންކަން ބަލަހައްޓާ ގައުމީ އިދާރާ، ރޮސްޕޮޓްރެބްނަޒޯރާ ހަވާލާދީ ޔޫރޯނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިރްކުުޓްސްކް އެންޓި-ޕްލޭގް އިންސްޓިޓިއުޓްގެ އުމުރުން 28 އަހަރުގެ ލެބޯޓްރީ އެސިސްޓެންޓް ދާރިއާ ޝިޕިލޯވާގެ ހަށިގަނޑުން ނެގުނު ސާމްޕަލްތައް ތަހުލީލުކުރުމުން، އޭނާގެ މަސައްކަތާ ގުޅުންހުރި އެއްވެސް ނުރައްކާތެރި ޖަރާސީމެއް ފެނިފައެއް ނުވެއެވެ. އޭނާ މަރުވީ މި އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ނިއުމޯނިއާ ބަލީގެ ނުރައްކާތެރި ހާލަތަކަށް ގޮސްގެންނެވެ.
އިރްކުުޓްސްކް ސަރަހައްދުގެ ރައްކާތެރިކަމާ ބެހޭ އިދާރާތަކާ ހަވާލާދީ މީގެ ކުރިން ފެތުރުނު ޚަބަރުތަކުގައިވާ ގޮތުން، ލެބޯޓްރީ ތެރޭގައި ޓެސްޓް ޓިއުބެއް ފެޅުމުގެ ސަބަބުން ޝިޕިލޯވާއަށް ނިއުމޯނިކް ޕްލޭގް ޖެހުނު ކަމުގެ ކަންބޮޑުވުންތައް އުފެދުނެވެ. ނަމަވެސް، ރޮސްޕޮޓްރެބްނަޒޯރ އިން ބުނީ އިންސްޓިޓިއުޓްގައި ނުރައްކާތެރި ޖަރާސީމެއް ބޭރުވުމުގެ އެއްވެސް ހާދިސާއެއް ހިންގާފައިނުވާ ކަމަށެވެ. އަދި ޝިޕިލޯވާއާ ދިމާވި މީހުންގެ ތެރެއިން ފެނިފައިވަނީ ކޮވިޑް-19 ގެ ދެ މައްސަލައާއި ރައިނޯވައިރަސްގެ ދެ މައްސަލަ އެކަނި ކަމަށް އިދާރާއިން ސާފުކޮށްދިނެވެ.
އިރްކުުޓްސްކްގެ ގަވަރުނަރު އިގޯރ ކޮބްޒެވް ވިދާޅުވީ، ޚާއްސަ މާހިރުންގެ ކޮމިޝަނަކުން ބެލި ބެލުމުން ޝިޕިލޯވާ މަރުވި ސަބަބަކީ "ވަކި ގޮތެއް އެނގެން ނެތް ނިއުމޯނިއާ" ބަލި ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި މަސްރަހު އޮތީ ސަރުކާރާއި މާހިރުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ކްރެމްލިންގެ ތަރުޖަމާނު ދިމީތުރީ ޕެސްކޯވް ވަނީ، ދޮގު ޚަބަރުތަކާއި ޚިޔާލީ ވާހަކަތަކަށް ސަމާލުކަން ނުދީ، ރޮސްޕޮޓްރެބްނަޒޯރ ގެ ރަސްމީ މައުލޫމާތަށް ބަރޯސާވުމަށް ނޫސްވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.
ސަރުކާރުން ބަލި ފެތުރުނު ކަން ދޮގުކުރި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިރްކުުޓްސްކްގެ ތިން ސިޓީ ކްލިނިކަލް ހޮސްޕިޓަލަކާއި، ކުޑަކުދިންގެ ހޮސްޕިޓަލަކާއި، މާބަނޑު މީހުންގެ ހޮސްޕިޓަލެއް ވަނީ ކަރަންޓީނުކޮށްފައެވެ. މީގެއިތުރުން ޝިޕިލޯވާ ދިރިއުޅުނު ޝެލެޚޯވްގެ ސެންޓްރަލް ޑިސްޓްރިކްޓް ހޮސްޕިޓަލް ބަންދުކޮށް، އެ ސަރަހައްދުގެ އަލުމިނިއަމް ކާރުޚާނާގައި ވަނީ މާސްކު އަޅަން މަޖުބޫރުކޮށްފައެވެ.
ދުނިޔޭގެ ސިއްހަތާ ބެހޭ އިދާރާ އިން ބުނެފައިވަނީ، އިރްކުުޓްސްކްގައި ލެބޯޓްރީ މުވައްޒަފަކު މަރުވި ހާދިސާގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ބައިނަލްއަގުވާމީ ސިއްހީ ގަވާއިދުތަކުގެ ދަށުން ރަޝިޔާ ގެ ސިއްހީ އިދާރާތަކާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އާންމުންނަށް އޮތް ސިއްހީ ނުރައްކާ ކުޑަ ކަމަށް އދ އިން ފާހަގަކުރެއެވެ.





