އާއިލާގެ ރުހުމާ ދެކޮޅަށް މީހަކާ އިންނަން އުޅުނު ކުއްޖާ މަރާލި މީހުން ހައްޔަރުކޮށްފި

އަވަށުގެ ކަމުވޮށިގެންވާ މީހުންގެ އަމުރަށް ޒުވާން އަންހެނަކު މަރާލި ކަމަށް ތުހުމަތުކުރެވޭ ބައްޕައާއި ކުރީގެ ފިރިމީހާ އާއެކު، ޕާކިސްތާނުގެ އިރުމަތީ ސަރަހައްދުން 9 މީހުން ހައްޔަރު ކޮށްފިއެވެ. މިއީ އާއިލާގެ ޝަރަފް ރައްކާތެރި ކުރުމަށް ޕާކިސްތާންގައި އަންހެނުން މެރުމުގެ މައްސަލަތަކުން މައްސަލައެކެވެ.

ފުލުހުންގެ ބަޔާނުގައި ވާގޮތުން، 18 އަހަރުގެ ސިދްރާ ބީބީ މަރާލާފައި ވަނީ ރާވަލްޕިންޑީގެ މުސްކުޅިންގެ މަޖިލީހުގެ އަމުރަށެވެ. މިކަން ހިނގާފައިވަނީ އަންހެންމީހާ އާއިލާގެ ރުހުމާ ދެކޮޅަށް އަމިއްލައަށް އިޚްތިޔާރުކުރި މީހަކާ ކައިވެނިކުރުމާ ގުޅިގެންނެވެ.

ފުލުހުންގެ އޮފިޝަލް އަފްތާބް ހުސެއިން ވިދާޅުވިގޮތުގައި، އަންހެންމީހާގެ ގާތްތިމާގާގެ މީހުން އޭނާގެ ހަށިގަނޑު ވަޅުލައި، ހެކިފޮހެލުމަށް މަސައްކަތް ކޮށްފައި ވެއެވެ. އަދި އޭނާ މަރާލާފައި ވަނީ މޫނުމަތީގައި ބާލީހެއް ބާއްވައިގެން ނޭވާ ހާސްކޮށްގެންނެވެ.އަންހެން މީހާގެ ގަބުރު ނަގައި އޮޓޮޕްސީއެއް ހެދުމަށްފަހު، މަރާލުމުގެ ކުރިން އަނިޔާކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްފައެވެ.

ޕާކިސްތާންގައި އާއިލާގެ ޝަރަފް ދެމެހެއްޓުމަށްތަކައި އަންހެނުން އާދަވެގެން މަރާލެވެއެވެ. ޕާކިސްތާނުގެ މިނިވަން ހިއުމަން ރައިޓްސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރު ވެސް މިފަދަ މައްސަލަތަކުގައި 405 އަންހެނުން މަރާލާފައި ވެއެވެ. އަދި  2023 ވަނަ އަހަރު 226 އަންހެނުން މަރާލާފައި ވެއެވެ. މިނޫނަސް ރިޕޯޓު ނުކޮށް ހުރި އެތައް މައްސަލައެއް އުޅޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

އިސްލާމާބާދުގައި ހުންނަ މިނިވަން ޖަމްޢިއްޔާއެއް ކަމަށްވާ ސަސްޓެއިނަބަލް ސޯޝަލް ޑިވެލޮޕްމަންޓް އޮގަނައިޒޭޝަން އިން ހާމަކުރާގޮތުގައި، މިދިޔަ އަހަރު މުޅި ޕާކިސްތާންގައި ޖެންޑަރ ބޭސްޑް ވަޔަލެންސްގެ 32,000 އަށްވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައި ވެއެވެ. އޭގެ ތެރޭގައި މިފަދަ 547 މަރުގެ މައްސަލަ ހިމެނެއެވެ.

މިދިޔަ ހަފްތާގައިވެސް އާއިލާގެ ރުހުމާ ދެކޮޅަށް ކައިވެނި ކުރި ދެމީހެއްގެ ގަޔަށް ބަޑިޖަހައިގެން މަރާލުމާ ގުޅިގެން 13 މީހަކު ހައްޔަރުކށްފައި ވެއެވެ.

ޖަނަވަރީ މަހު 15 އަހަރުގެ އަންހެން ކުއްޖަކު ޓިކްޓޮކް ކުޅޭތީ އާއިލާއިން މަރާލާފައި ވެއެވެ.

ހިއްސާ ކުރައްވާ!