ޕާކިސްތާނުގެ ޒަރުދު ޣުލާމް ޖާން މަންގޯޗަރު އިންޖީނުގެއަށް ހަތިޔާރު އެޅި ޓެރަރިސްޓުންގެ ބަޔަކު ވަދެ ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފުންނާއި ކުއެޓާ އިލެކްޓްރިކް ސަޕްލައި ކޮމްޕެނީ (ކުއެސްކޯ) ގެ މުވައްޒަފުން ރަހީނުކޮށް ކޮންޓްރޯލް ރޫމާއި އެހެނިހެން ތަކެއްޗަށް ގެއްލުން ދިނުމުގެ ޢަމަލެއް ހިންގައިފިއެވެ. މި ހަމަލަ ދިނުމުގައި 20 އަށްވުރެ ގިނަ ޓެރަރިސްޓުން ބައިވެރިވި ކަމަށް ވެއެވެ.
ކުއެސްކޯގެ އިސްވެރިން މައުލޫމާތު ދެއްވި ގޮތުގައި، 132 ކިލޯވޯޓުގެ ގްރިޑް ސްޓޭޝަނަށް ހަމަލާދިން މީހުން ވަނީ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުގެ އަތުން އެމީހުންގެ ހަތިޔާރު އަތުލައި، މުވައްޒަފުންނަށް ބަޑިން ދައްކައި ބިރުދައްކައި، އިންޖީނުގެ ތެރެއަށް ބަޑި ޖަހައި ކޮންޓްރޯލް ރޫމާއި، ހައި-ޕަވަރ ޓްރާންސްފޯމަރާއި އަދި އެހެނިހެން މުހިންމު ކަރަންޓު ސާމާނަށް ގެއްލުންދީފައެވެ.
މުވައްޒަފުންނާއި ސެކިއުރިޓީ ބަލަހައްޓާ ފަރާތްތައް ރަހީނު ކުރުމަށްފަހު ހަމަލާދިން މީހުން ވަނީ އެމީހުންނަށް މަރުގެ އިންޒާރު ދީފައެވެ. ނޫންނަމަ އެތަނުން ވަގުތުން ނިކުމެގެން ދިއުމަށް އަންގާފައެވެ. އެއަށްފަހު މުވައްޒަފުންނާއި ސެކިއުރިޓީ ބަލަހައްޓާ ފަރާތްތައް ވަނީ ރައްކާތެރިކަމާއެކު އެތަނުން ފިލާފައެވެ.
މި ހާދިސާއާ ގުޅިގެން ކުއެސްކޯގެ އިސްވެރިން ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ. ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަން ގައި އެނގިފައި ވަނީ ހަމަލަ ދިން މީހުން ގާތްގަނޑަކަށް 700 މީޓަރުގެ ކަރަންޓު ވައިރާއި އެހެނިހެން އިލެކްޓްރިކަލް ތަކެތި އެތަނުން ވަގަށް ނަގައިގެން ފިލި ކަމަށެވެ.



