ލާހޯރު ޕޮލިހުން ވަނީ މިއަދު މުޒާހަރައަށް ނިކުތް ޕާކިސްތާން ތަހުރީކޭ އިންސާފްގެ 30 އަށް ވުރެ ގިނަ އެކްޓިވިސްޓުން ހައްޔަރުކޮށްފައެވެ. މިމީހުން ހައްޔަރުކޮށްފައި ވަނީ މިހާރު ދެ އަހަރު ވަންދެން ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަން ކުރުމަށް މުޅި ގައުމު ރަސްމީކޮށް ހަރަކާތެއް ފެށުމާ ގުޅިގެންނެވެ.
ދައުލަތަށް ލިބޭ ހަދިޔާތަކަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކޮށްފައިވާ މައްސަލައެއްގައި 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އިމްރާން ޚާން ވަނީ ޖަލަށް ލާފައެވެ. އޭނާއަށް ޙުކުމް ކޮށްފައި ވަނީ 190 މިލިއަން ޕައުންޑްގެ ކޮރަޕްޝަންގެ މައްސަލައެއްގައި ވެސް ޝަރީއަތް ކޮށްގެންނެވެ. އިމްރާން ޚާން ހުންނެވީ އަޑިއާލާ ޖަލުގައެވެ. އަދި އޭގެ އިތުރުން 2023 ވަނަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކާއި ހުޅުޖެހުމާ ގުޅުން ހުރި ޓެރަރިޒަމްގެ މައްސަލަތަކުގެ ޝަރީއަތް ވެސް އޭނާއާ ބައިވެރިންނަށް ދެކޮޅަށް ހިންގަމުން އެބަ ގެންދެއެވެ.
އިމްރާން ޚާން ވަނީ މުޅި ގައުމުގައި މުޒާހަރާއަށް ނުކުތުމަށް ގޮވާލައްވާފައެވެ. އޭނާއަށް ނިސްބަތްކޮށް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު ފެށޭ ހަރަކާތް ކުރިއަށްދާނީ ޑިމޮކްރަސީގެ ހަގީގީ ރޫހު ގައުމުގައި އަލުން އާލާވާންދެން" ކަމަށެވެ.
ޕީޓީއައިގެ ލީޑަރު އައްސަދު ޤައިސަރ ވިދާޅުވި ގޮތުގައި އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހަކީ މުޒާހަރާ ފެށޭ ދުވަސް ކަމަށްވިއަސް އެއީ އެންމެ ފަހުގެ ނިންމުން ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.
އޭނާ ވަނީ އޭނާގެ ތަހުރީކް އިންސާފް ޕާޓީގެ އެތައް ސަތޭކަ އެކްޓިވިސްޓުންނެއް ފުލުހުން ހައްޔަރުކުރާ ކަމަށް ވިދާޅުވެފައެވެ، ނަމަވެސް ފުލުހުން ވަނީ އެ ރިޕޯޓްތައް ދޮގުކޮށްފަ އެވެ.



