ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ކުށްތަކަށް މައާފަށް އެދިވަޑައިގެންފިނަމަ، މިނިވަން ކޮށްފާނެ ކަމަށް ޕާކިސްތާންގެ ބޮޑު ވަޒީރުގެ މުޝާރަކު ހާމަކުރައްވައިފިއެވެ. އޭގެ އިތުރުން ޕާކިސްތާނުން ވަނީ އިމްރާން ޚާން ހައްޔަރުކުރުމާ ގުޅިގެން ހިނގި އަމަންއަށް ނުރައްކާވާ މުޒާހަރާތަކުގައި ބައިވެރިވި ޕާކިސްތާން ތަހުރީކޭ އިންސާފް (ޕީޓީއައި) ގެ 108 މެންބަރުންނަށް ޓެރަރިޒަމގެ ދައުވާކޮށް ޖަލު ޙުކުމް އިއްވައިފިއެވެ.
މި މައްސަލައިގައި ޕީޓީއައި ގެ ސެކްރެޓަރީ ޖެނެރަލް އަދި ނެޝަނަލް އެސެމްބްލީގެ އިދިކޮޅު ލީޑަރު އޮމަރު އައޫބް ޚާނަށް 10 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވެއެވެ. އެހެންނަމަވެސް، މުޒާހަރާގައި އޭނާ ސީދާ ބައިވެރިވެފައި ނުވިނަމަވެސް، އަލިފާން ރޯކުރުމަށް ރޭވުމާއި އަމާންކަަމށް ނުރައްކާވެދާފަދަ ޢަމަލުތަކަށް އެހީތެރިވުމުގެ ދަޢުވާ އޭނާގެ މައްޗަށް ސާބިތު ކޮށްފައި ވެއެވެ.
މި މައްސަލައިގައި 58 މީހުންނަށް 10 އަހަރުގެ ޖަލު ޙުކުމް އިއްވާފައިވާއިރު، އެއް ފަރާތްތަކަށް 1 އަހަރާއި 3 އަހަރާ ދެމެދުގެ ޖަލު ޙުކުމްތައް އިއްވާފައިވެއެވެ. މީގެ އިތުރުން، ޓެރަރިޒަމްގެ ކުށް ސާބިތުވުމާ ގުޅިގެން ޕީޓީއައި ގެ 6 މެންބަރަކު ވަނީ ޕާލިމަންޓުން ވަކިކޮށްފައިވެއެވެ.
2023 ވަނަ އަހަރުގެ މޭ މަހުގެ 9 ވަނަ ދުވަހު އިމްރާން ޚާން ހައްޔަރުކުރުމާ ގުޅިގެން ފެށުނު މުޒާހަރާތަކުގައި، ބައިވެރިން ވަނީ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ، ސަރުކާރުގެ އުޅަނދުފަހަރުގައި އަލިފާން ރޯކޮށް، ކެންޓޯންމަންޓް ސަރަޙައްދުތަކަށް ވަނުމަށް މަސައްކަތްކށްފައެވެ. މި ހަމަލާތަކަކީ ދައުލަތުގެ މުއައްސަސާތަކަށް ރޭވިގެން ދެވުނު ހަމަލާތަކެއް ކަމަށް ޓެރަރިޒަމް ކޯޓުގައި ސަރުކާރުން ބުނެފައިވެއެވެ.
ޕީޓީއައި ގެ ޗެއަރމަން ޖައުހަރު އަލީ ޚާން ވަނީ މި ޙުކުމްތައް ކުށްވެރިކޮށް، މިއީ ސިޔާސީ ބޭނުމަށް ކުރެވިފައިވާ "އަސާސެއްނެތް" ޙުކުމްތަކެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ޙުކުމްތަކާ މެދު އިސްތިއުނާފު ކުރުމަށް ޕީޓީއައި އިން ނިންމާފައިވާ ކަމަށާއި، ޤާނޫނީ ޓީމުތަކުން މިހާރުވެސް އެކަމުގައި މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.



