ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް އިސްތިއުފާ ދެއްވި ކަމަށް ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތައް ދޮގު ކަމަށް ވިދާޅުވެ، މިނިސްޓަރ ޓުއީޓު ކުރައްވައިފިއެވެ. މި މައްސަލަ ފެށުނީ ސިޔާލްކޯޓުގެ އެޑިޝަނަލް ޑެޕިއުޓީ ކޮމިޝަނަރ ރެވެނިއު ކޮރަޕްޝަނުގެ މައްސަލައެއްގައި ހައްޔަރުކުރުމާ ގުޅިގެންނެވެ.
ކުރީގެ ނޫސްވެރިއެއް ކަމަށްވާ ޒުބައިރު އަލީ ޚާން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޮމިޝަނަރު ދޫކޮށްނުލައިފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ، ދިފާއީ ވަޒީރު އިސްތިއުފާ ހުށަހެޅުއްވި ކަމަށެވެ. އަދި އޭގެ ފަހުން މުއްރީގައި ނަވާޒް ޝަރީފާ ބައްދަލުކުރެއްވުމުން، އިސްތިއުފާ އަނބުރާ ގެންދެވުމަށް ޝަރީފް އެދިވަޑައިގަތް ކަމަށާއި، އެއަށްފަހު ފޯނު ނުނަންގަވައި އެއްވެސް ފަރާތަކާ ގުޅުއްވުމެއް ނެތި ޚަވާޖާ އާސިފު ހުންނެވި ކަމަށްވެސް ޒުބައިރު ބުނެފައިވެއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ދިފާއީ ވަޒީރު އާސިފް ވިދާޅުވެފައިވަނީ މިއީ އެ ނޫސްވެރިޔާގެ އަމިއްލަ އުންމީދީ ވާހަކަތަކެއް ކަމަށާއި، އަދި އެއީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެ ޕޯސްޓުގެ ސްކްރީންޝޮޓެއްގައި "ދޮގު" މިހެން ޖައްސަވައި ޝާއިޢުކުރައްވައިފައިވެއެވެ.
މި މައްސަލައަށް އިތުރު ސަމާލުކަމެއް ލިބުނީ މީގެ ކުރިން ދިފާއީ ވަޒީރު ޕާކިސްތާނުގެ ސަރުކާރުގެ މުވައްޒަފުންނާ މެދު ފާޅުކުރެއްވި ޚިޔާލުފުޅުތަކާ ގުޅިގެންނެވެ. އޭގެ ތެރޭގައި ވަޒީރު ވިދާޅުވީ، ޕާކިސްތާން ސަރުކާރުގެ ގިނަ އިސް މުވައްޒަފުން ޕޯޗުގަލްގައި ބިން ގަނެ، އެ ގައުމުގެ ރައްޔިތުކަން ހޯދަން މަސައްކަތްކުރާ ކަމަށާއި، އެފަރާތްތަކަކީ، ކޮރަޕްޝަނުން ފައިސާ ހޯދައިގެން އަރާމު ދިރިއުޅުމެއް އުޅެން އުޅޭ ބަޔެއް ކަމަށެވެ. އަދި އެއާ ޚިލާފަށް ސިޔާސީ ވެރިން އިންތިޚާބު ތަކާ ހެދި ޖަވާބުދާރީވާން ޖެހޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.



