ދެ ބޭނުމަށް ބޭނުން ކުރެވިދާނެ ތަކެތި ބެލެހެއްޓުމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ކަސްޓަމްސްގައި ފަށައިފި

ޔޫރަޕިއަން ޔޫނިއަންގެ ޕާޓްނަރޝިޕް ފޮރ ޕީސް (އީޔޫ ޕީ2ޕީ) ޕްރޮގްރާމްގެ މާހިރުންނާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ ޑުއަލް-ޔޫސް ތަކެތި ބެލެހެއްޓުމުގެ ޤާނޫނީ ކަންކަމާ ގުޅޭ ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމެއް  ފަށައިފައެވެ. މާލޭގައި ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމުގައި ކަސްޓަމްސް އަދި އެހެނިހެން މުހިންމު އިދާރާތަކުން 20 ބައިވެރިން ބައިވެރިވެއެވެ.

ޔޫރަޕިއަން ކޮމިޝަންގެ މާނަކުރުމުގައި، ޑުއަލް-ޔޫސް ތަކެތީގެ ގޮތުގައި ހިމެނެނީ އާންމު ބޭނުންތަކަށާއި އަސްކަރީ ބޭނުންތަކަށް ބޭނުންކުރެވިދާނެ މުދަލާއި، ސޮފްޓްވެއަރ އަދި ޓެކްނޮލޮޖީއެވެ.

މި ތަމްރީން ޕްރޮގްރާމަކީ ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވިދާނެ ތަކެތި ފެތުރުން ހުއްޓުވުމަށް އީޔޫގެ ގްލޯބަލް ސްޓްރެޓެޖީގެ ދަށުން ހިންގޭ މަސައްކަތެކެވެ. އީޔޫގެ މި ޕްރޮގްރާމްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މާހިރުން ބައިވެރިވެއެވެ.

މި ތަމްރީން ޕްރޮގްރާމް ފެށިފައިވަނީ ރާއްޖޭގެ ވިޔަފާރި އަދި ބޯޑަރ ސެކިއުރިޓީ ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އިންޓެލެކްޗުއަލް ޕްރޮޕަޓީ ޙައްޤުތައް ރައްކާތެރިކުރުމަށް ކަސްޓަމްސްއަށް އިތުރު ބާރުތަކެއް ދޭ ޤާނޫނެއް ހުށަހެޅިފައިވާކަމީވެސް މިކަމުގެ ހެއްކެކެވެ.

މި ތަމްރީން ޕްރޮގްރާމް ނިމޭނީ މިއަދު އޮގަސްޓް 8، ގައެވެ. މި ތަމްރީނުން ބައިވެރިންނަށް އެކްސްޕޯޓް ކޮންޓްރޯލްތައް އަޕްޑޭޓްކޮށް، ސެކިއުރިޓީ ރިސްކްތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ ގުޅޭ މުހިންމު މަޢުލޫމާތު ލިބިގެންދާނެ އެވެ.

ހިއްސާ ކުރައްވާ!