މާލޭ ވައިގެ ބަނދަރުން ރާއްޖެއަށް އެތެރެކުރަން އުޅުނު 8،490 ގުރާމުގެ ހަޝީޝް އޮއިލް ކަސްޓަމްސް އިން އަތުލައިގެންފިއެވެ. މިތަކެތީގެ އަގު 6 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައެވެ.
އަންގާރަ ދުވަހު ވައިގެ މަގުން ރާއްޖެ އައި މި މީހާ ކަސްޓަމްސް އިން ހުއްޓުވީ އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ. ކަސްޓަމްސް އިން މި މީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވެއެވެ. ފުލުހުން މިހާރު މި މައްސަލަ ތަހުގީގުކުރަމުން އެބަގެންދެއެވެ. މި މީހާއާ ގުޅޭ އިތުރު ތަފުސީލެއް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.
މިއީ މިފަހަކަށް އައިސް ވައިގެ ބަނދަރުން އަތުލައިގަތް މަސްތުވާތަކެތީގެ ދެވަނަ ބޮޑު މައްސަލައެވެ. މެއި މަހުގެ 24 ވަނަ ދުވަހު ވެސް ވައިގެ މަގުން އެތެރެކުރަން އުޅުނު 941 ގުރާމުގެ މެތަމްފެޓަމިން ކަސްޓަމްސް އިން އަތުލައިގަތެވެ. އެ ތަކެތީގެ އަގު 1.8 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައެވެ.



