ޕާކިސްތާނުގެ ކަރާޗީގައި 15 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނިކުރި ސެކިއުރިޓީ ގާޑެއްކަމަށްވާ އަޒްހަރު އަލީއަށް ދެ އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ. މިއީ ސިންދު ޗައިލްޑް މެރިޖަސް ރެސްޓްރެއިންޓް އެކްޓް 2013 ގެ ތިންވަނަ މާއްދާގެ ދަށުން ކުރެވުނު ޙުކުމެކެވެ. ކޯޓުން ކުރި ޙުކުމުގައި، އަޒްހަރު އަލީ އަށް 50،000 ރުޕީސްގެ ޖޫރިމަނާއެއްވެސް ކަނޑައަޅާފައި ވެއެވެ. އަދި މި ޖޫރިމަނާ ނުދައްކައިފިނަމަ އިތުރު މުއްދަތަކަށް ޖަލުގައި ބަންދުކުރެވޭނެ ކަމަށް ކޯޓުން ބުނެފައިވެއެވެ. މެޑިކޯ-ލީގަލް އޮފިސަރުގެ ރިޕޯޓުން އަންހެންކުއްޖާގެ އުމުރު ކަށަވަރުކޮށްދީފައިވާއިރު، ދަޢުވާލިބޭ ފަރާތް ކުށުން ބަރީއަވާފަދަ އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.
މައްސަލައިގައި ދަޢުވާކުރާ ފަރާތުން ބުނެފައިވަނީ، އަޒްހަރު އަލީ އެ އަންހެންކުއްޖާ ގަދަކަމުން ގެންގޮސް ކައިވެނިކޮށްގެން އުޅުނީ ކަމަށެވެ. ނަމަވެސް ދިފާޢުން ބުނެފައިވަނީ އެފް.އައި.އާރުގައި އަންހެންކުއްޖާގެ އުމުރަކީ 17 އަހަރުކަމަށް ބުނާ ކަމަށާއި، އޭނާގެ އަމިއްލަ އިޚްތިޔާރުގައި ކައިވެނިކުރީ ކަމަށެވެ.
މި މައްސަލައިގައި ކައިވެނިކޮށްދިން މީހާ ވެސް ޒިންމާދާރުވާންޖެހޭ ކަމަށް ކޯޓުން ފާހަގަކޮށްފައި ވެއެވެ. އެއީ ކައިވެނިކުރުމުގެ ކުރިން އަންހެންކުއްޖާގެ އުމުރު ހުވައިގެ އިޤްރާރަކުން ކަށަވަރުކުރަންޖެހޭތީއެވެ. ނަމަވެސް މިހާރު ކައިވެނިކޮށްދިން މީހާ ވަނީ ފިލާފައެވެ.


