ޕާކިސްތާނުގެ ޤައުމީ އެއަރލައިން، ޕީއައިއޭގެ ބޯއިންގ 777 މަތިންދާބޯޓަށް ޕެރިސްގެ ޗާލްސް ޑި ގޯލް އެއަރޕޯޓަށް ޖައްސަމުން ދަނިކޮށް އިންޖީނަށް މައްސަލައެއް ދިމާވުމާ ގުޅިގެން އެއަރލައިންގެ ގިނަ ފްލައިޓްތަކެއް ވަނީ ލަސްވެފައެވެ.
މި މައްސަލައާ ގުޅިގެން އިސްލާމާބާދު-ޕެރިސް ފްލައިޓް 10 ގަޑިއިރަށް ލަސްވެ، ލާހޯރުން ޓޮރޮންޓޯއަށް ފުރާ ފްލައިޓް 12.5 ގަޑިއިރަށް ލަސްވެފައިވާ އިރު، ލާހޯރު-އަބޫދާބީ ފްލައިޓް 12 ގަޑިއިރަށް އަދި އިސްލާމާބާދު-ކުއާލަލަމްޕޫރު ފްލައިޓް 7.5 ގަޑިއިރަށް ވަނީ ލަސްވެފައެވެ.
މި މައްސަލަ ދިމާވެފައި މިވަނީ ޕީއައިއޭއިން ޕެރިސްއަށް ކުރާ ދަތުރުތައް ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު އަލުން ފެށިތަނާ އެވެ. އެއީ ޔޫރަޕިއަން ޔޫނިއަން އިން ޕައިލެޓުންގެ މައްސަލާގައި އެ އެއަރލައިން ބޭންކޮށްފައި އޮތުން ނިމުމަކަށް ގެނައުމާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅޭ އިތުރު ޚަބަރެއްގައި، ޕާކިސްތާނު އެއަރޕޯޓްސް އޮތޯރިޓީން ވަނީ އިސްލާމާބާދު އިންޓަރނޭޝަނަލް އެއަރޕޯޓް 8 ދުވަހަށް ބަންދުކުރާ ކަމަށް ފެތުރެމުންދާ ޚަބަރުތައް ދޮގުކޮށްފައެވެ. އެ އޮތޯރިޓީން ބުނީ މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ވަކި ދުވަސްތަކެއްގައި ދެ ގަޑިއިރަށް އެއަރޕޯޓް ބަންދުކުރެވޭނެ ކަމަށެވެ.



