ޕާކިސްތާނުގެ ވެރިރަށް އިސްލާމާބާދުގައި ބަލޫޗީންގެ އާއިލާތަކުން ކުރަމުންދާ މުޒާހަރާ މިއަދު 26 ވަނަ ދުވަހަށް ވަނީ ވަދެފައެވެ. މި މުޒާހަރާގައި ބަލޫޗް ޔަކްޖެހްތީ ކޮމިޓީ (ބީވައިސީ) ގެ ލީޑަރުން ދޫކޮށްލުމަށާއި، ބަލޫޗިސްތާނުގައި މީހުން ނިޒާމުން ގެއްލުވާލުން ހުއްޓުވުމަށް ގެނައުމަށް ވަނީ ގޮވާލާފައެވެ.
މުސްކުޅި އަންހެނުންނާއި ކުޑަކުދިން ހިމެނޭ މުޒާހަރާކުރާ މީހުން ވަނީ ގަދަ ފިނީގައި އެއްވެސް ހިޔާވަހިކަމެއް ނެތި މުޒާހަރާ ކުރިއަށް ގެންދަން މަޖުބޫރުވެފައެވެ. އަދި ސަރުކާރުގެ ފަރާތުން މަގުތައް ބަންދުކޮށް، ޓެންޓު ޖެހުމުގެ ހުއްދަ ނުދީ މުޒާހަރާގައި ބައިވެރިވާ ފަރާތްތަކަށް ފުރައްސާރަކޮށް، އެމީހުންގެ ހަރަކާތްތައް ފުލުހުން މޮނިޓަރ ކުރަމުންދާކަމަށް ވެސް މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.
ބަލޫޗިސްތާނުގައި މީހުން ނިޒާމުން ގެއްލުވާލުމަކީ އެތައް އަހަރެއް ވަންދެން ދެމިގެންދާ މައްސަލައެކެވެ. މިގޮތުން އެތައް ހާސް މީހުން ދައުލަތުގެ އޭޖެންސީތަކުން ރޭވިގެން ގެއްލުވާލާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. މީގެ ތެރޭގައި ބަލޫޗީ ގައުމީ ހަރަކާތުގެ މީހުންނާއި ދަރިވަރުންނާއި، އެކްޓިވިސްޓުންނާއި އަދި ތަޢުލީމީ މީހުން ހިމެނެއެވެ.
ޕާކިސްތާނު ސަރުކާރުން ބުނަނީ މި މައްސަލައިގައި އެފަރާތުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. ނަމަވެސް މި މައްސަލަތައް ތަހުގީގުކުރުމަށް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން މި ގެއްލުވާލުންތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަން ބުނެ އެކަން ކުށްވެރިކޮށްފައިވެއެވެ.
ބަލޫޗް ޔަކްޖެހްތީ ކޮމިޓީ (ބީވައިސީ) އަކީ މިހާރު ސުލްހަވެރި އިހުތިޖާޖުތަކުގައި އިސް ދައުރެއް އަދާކުރާ ފަރާތެކެވެ. އެގޮތުން އިށީގެން ތިބެ މުޒާހަރާ ކުރުމާއި ހިނގާލުންތަކާއި އަދި ސޯޝަލް މީޑިއާގެ ބޭނުން ހިފައިގެން އެމީހުންގެ އަޑު އުފުލަމުން ގެންދެއެވެ.



