ޕާކިސްތާނުގައި ހަރަކާތްތެރިވަމުންދާ ބަލޫޗް ލިބަރޭޝަން އާމީ (ބީއެލްއޭ) އަކީ "ބޭރުގެ ޓެރަރިސްޓް" ޖަމާއަތެއްގެ ގޮތުގައި އެމެރިކާގެ ސަރުކާރުން ކަނޑައަޅައިފިއެވެ. މަޖީދް ބްރިގޭޑްގެ ނަމުންވެސް މަޝްހޫރު މި ޖަމާއަތަކީ 2019 ވަނަ އަހަރު "ސްޕެޝަލީ ޑެޒިގްނޭޓެޑް ގްލޯބަލް ޓެރަރިސްޓް" (އެސްޑީޖީޓީ) ޖަމާއަތެއްގެ ގޮތުގައި ކުރިން ކަނޑައަޅާފައިވާ ޖަމާއަތެކެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި މި ފިޔަވަޅަކީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ޓްރަމްޕް ސަރުކާރުގެ އަޒުމު ދައްކުވައިދޭ ކަމެކެވެ. "ޓެރަރިސްޓް ގޮތުގައި ގިންއތި ކުރުމަކީ މި ނުރައްކާތެރިކަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާ، އަދި ޓެރަރިސްޓް ހަރަކާތްތަކަށް ލިބޭ އެހީތެރިކަން ހުއްޓުވުމަށް އެޅޭ އެދެވޭ ފިޔަވަޅެކެވެ،" އޭނާ ވިދާޅުވިއެވެ. ނަމަވެސް ޔަހޫދީންގެ ޓެރަރިސްޓް ކަންކަން ހިންގާމީހުންނާ އެކަމަށް ގޮވާލާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަން އެމެރިކާ ބިރު ގަނެއެވެ.
2019 ވަނަ އަހަރު ހިންގި ގިނަ ހަމަލާތަކަކާ ގުޅިގެން ބީއެލްއޭ އަކީ އެސްޑީޖީޓީ ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުނެވެ. އެންމެ ފަހުން މިއަހަރުގެ މާރިޗް މަހު، ކުއެޓާއިން ޕެޝަވާރަށް ދަތުރުކުރި ރޭލަކަށް ދިން ހަމަލާގައި ގިނަ އަދަދެއްގެ މަދަނީންނާއި ސިފައިން މަރުވެފައިވެއެވެ. މި ހަމަލާގެ ޒިންމާ ބީއެލްއޭ އިން ނަގާފައިވެއެވެ.
މި އައު ގިންތި ކުރުމުގެ ދަށުން، އެމެރިކާގައި ހުރި އެއްވެސް ފަރާތަކުން މި ޖަމާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެކެވެ. ކުރީގެ ގިންތި ކުރުމުން ހަމައެކަނި މާލީ ވަސީލަތްތައް އަމާޒުކުރެވިފައިވީ ނަމަވެސް، މި އައު ފިޔަވަޅު މާ ހަރުކަށި ފިޔަވަޅަކަށް ވާނެއެވެ.
ބަލޫޗިސްތާނަކީ ޕާކިސްތާނުގެ އެންމެ ބޮޑު، ނަމަވެސް އެންމެ ފަގީރު އަދި އާބާދީ އެންމެ ކުޑަ ސަރަހައްދެވެ.



