ޕާކިސްތާނުގެ ޚައިބަރު ސަރަހައްދުގައި ހިންގި ހަމަލާތަކުގައި 6 ފުލުހުން ޝަހީދުވެއްޖެ

ޕާކިސްތާނުގެ ހައިބަރު ޕަހުތުންހުވާ (ކޭޕީ) ސަރަހައްދުގެ އެކި ހިސާބުތަކުގައި ހަނގުރާމަވެރިން ހިންގި ހަމަލާތަކެއްގައި ސަލާމަތީ އޮފިސަރުންގެ 6 މީހަކު ޝަހީދުވެ، އިތުރު 8 އޮފިސަރުންނަށް އަނިޔާވެއްޖެއެވެ.

މި ހަމަލާތައް ހިންގާފައިވަނީ އަޕަރ ދީރް އަދި ލޯވަރ ދީރު، ޝަންގްލާ، ޚުއްރަމް، ސައުތު ވަޒީރިސްތާން، ލައްކީ މާރްވާތު އަދި ސްވާބީ ފަދަ އެތައް ސަރަހައްދުތަކެއްގައެވެ. އެންމެ ނުރައްކާތެރި ހަމަލާ ދީފައިވަނީ އަޕަރ ދީރުގައެވެ. މި ހަމަލާގައި އަވަހަށް ހަރަކާތްތެރިވާ ކުއިކް ރެސްޕޮންސް ފޯސްގެ ވެހިކަލްއަކަށް މެންދުރު ވަގުތެއްގައި ހަމަލާދީ، 3 ފުލުހުން ޝަހީދުކޮށްލާފައިވެއެވެ.

ލޯވަރ ދީރުގައި ހަނގުރާމަވެރިން  ފުލުހުންގެ 3 މަރުކަޒަކަށް ހަމަލާދިނެވެ. މި ހަމަލާގައި އެއް ކޮންސްޓަބަލް ޝަހީދުވެ، އަނެއް ކޮންސްޓަބަލަށް އަނިޔާވިއެވެ.

ޝަންގްލާ އަދި ލައްކީ މަރްވާތުގައި ދިން ހަމަލާތައް ފުލުހުން ހުއްޓުވިއެވެ. އެއަށްފަހު ހަނގުރާމަވެރިން އެ ސަރަހައްދުން ފިލައިގެން ދިޔައެވެ. ސްވާބީގައި ހިންގި އަތު ބޮމުން ދިން ހަމަލާއެއްގައި ފުލުސް އޮފިސަރަކާއި ޚުއްރަމްގެ އާންމުންގެ މީހަކަށް އަނިޔާވިއެވެ.

މި ހަމަލާތަކާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުތަކުގައި ޓެރަރިސްޓުން ހޯދުމުގެ އޮޕަރޭޝަންތައް ފަށާފައެވެ. އަދި އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް ބައެއް ސަރަހައްދުތަކުގައި އިތުރު އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށް ސަލާމަތީ ބާރުތަކުން މައުލޫމާތު ދެއެވެ. މި ސަރަހައްދުގައި ފަހަކަށް އައިސް ޓެރަރިސްޓުންގެ ހަރަކާތްތައް އިތުރުވެފައިވާ ކަމަށް ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!